ރޯދަ މަހަކީ އަޅުކަމުގެ މަތިވެރި މައްސަރަކަށް ވާއިރު، ގިނަ ވަގުތު ނުކައި ނުބޮއި ހުރުމުގެ ސަބަބުން އަނގައިން ނުބައި ވަސް ދުވުމަކީ ގިނަ ބަޔަކަށް ދިމާވާ އާންމު މައްސަލައެކެވެ. މިކަމުގެ ސަބަބުން އެހެން މީހުންނާ މުއާމަލާތް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. ނަމަވެސް، ބައެއް އާދަތަކަށް ސަމާލުކަން ދިނުމުން މި މައްސަލައަށް ހައްލެއް ހޯދިދާނެއެވެ.

ދަތް އުނގުޅުމާއި ދޫ ސާފުކުރުން

ހާރު ކެއުމަށްފަހު އަދި ރޯދަ ވީއްލުމަށްފަހު ރަނގަޅަށް ދަތް އުނގުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ދަތް އުނގުޅާއިރު އަނގައިން ވަސް ދުވުމަށް މެދުވެރިވާ ބެކްޓީރިއާ ގިނައިން ހުންނަނީ ދުލުގައި ކަމަށްވާތީ، ޓަންގް ކްލީނަރެއް ނުވަތަ ބުރުހުން ދޫ ސާފުކުރަންވާނެއެވެ.

މިސްވާކު ބޭނުންކުރުން

މިސްވާކު ބޭނުންކުރުމަކީ ރަސޫލާ ﷺ ގެ މަތިވެރި ސުންނަތެކެވެ. ރޯދައަށް ހުންނަ ވަގުތު މިސްވާކު ބޭނުންކުރުމަކީ އަނގަ ސާފުކޮށްދީ، ނުބައި ވަސް ކަނޑުވައިދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ސިއްހީ ގޮތުންވެސް ދަތްތަކާއި ހިރުގަނޑަށް ވަރަށް ފައިދާހުރި ކަމެކެވެ.

ގިނައިން ފެން ބުއިން

އަނގައިން ނުބައި ވަސް ދުވަން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އަނގަ ހިކުމެވެ. އަނގަ ހިކެން މެދުވެރިވަނީ އަނގަ ތެރޭގައި ދައުރުވާ ކުޅުގެ މިންވަރު މަދުވުމުގެ ސަބަބުންނެވެ. އެހެންކަމުން  ރޯދަ ވީއްލުމާއި ހާރުބޯދަމާ ދެމެދު ގިނައިން ފެން ބުއިމަށް ސަމާލުކަން ދޭންވާނެއެވެ. މިއީ ހަށިގަނޑުން ފެން މަދުވިޔަނުދީ، އަނގައިގައި ކުޅު އުފެދޭ މިންވަރު އިތުރުކޮށްދީ، ބެކްޓީރިއާ އުފެދުން މަދުކޮށްދޭނެ ކަމެކެވެ.

ކެއުމުގެ އާދަތަކަށް ސަމާލުވުން

ހާރުގަޑީގައި ފިޔާ، ލޮނުމެދު އަދި ބައެއް ކަހަލަ ހަވާދު ގިނަ ތަކެތި ކެއުމުން ދުރުހެލިވާށެވެ. މިފަދަ ތަކެތީގެ ވަސް ގިނަ ވަގުތު އަނގައިގައި ހުރެއެވެ. އޭގެ ބަދަލުގައި ގިނައިން ފެން ހިމެނޭ ޒާތުގެ މޭވައާއި ތަރުކާރީ ކެއުމުގައި ހިމަނާލުމުން  ރޯދަޔަށް ހުންނައިރު އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދޭނެއެވެ،

ފްލޮސް ކުރުމާއި މައުތްވޮޝް ބޭނުންކުރުން

އަނގައިން ނުބައި ވަސް ދުވާ އެއް ސަބަބަކީ ދަތްތަކުގެ ދޭތެރޭގައި ތާށިވެފައި ހުންނަ ކާއެތިކޮޅުތަކެވެ. އެ ކާއެތިކޮޅުތައް ހަމައެކަނި ދަތް އުނގުޅުމުން ސާފުނުކުރެވިދާނެއެވެ. އެހެންކަމުން ދަތް އުނގުޅުމުގެ އިތުރުން ޑެންޓަލް ފްލޮސް ކުރުމުން އެ ކާއެތިކޮޅުތައް ސާފުވެ އަނގަތެރޭގައި ޖަރާސީމް އުފެދުން ދުރުކޮށްދެއެވެ. މީގެ އިތުރުން އަލްކޮހޯލް ނުހިމެނޭ މައުތްވޮޝްއެއް ބޭނުންކުރުމުން އަނގަ ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ.