ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހުޅުމާލެ ދެކުނު ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ހަރަކާތުގެ ތެރެއިން މިއަދު ހުޅުމާލެ ދެކުނަށް ވަޑައިގެންފައިވާއިރު  އިއްޔެވަނީ ވިލިމާލެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

އަދި މީގެ އިތުރުން މި ރަމަޟާން މަސްތެރޭގައި ވަނީ މާލޭގެ ދައިރާތަކަށް ވަޑައިގެން ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

 

ކޮންގްރެސް ޕާޓީން މިއަދު ހުޅުމާލެގައި ކުރިއަށް ގެންދިޔަ ”ދޮރުން ދޮރަށް“ ހަރަކާތުގެ ތެރެއިން: ފޮޓޯ/ ޕީއެންސީ.

 

ހުޅުމާލެ ނިރޮޅުގެ މަގު 12 ނަމްބަރުގޯޅި، ޖިލްބާބު 7ގެ ކުރިތިން ފެށި މިހަރަކާތް ކުރިއަށް ގެންގޮސް ފައިވަނީ މިއަދު މެންދުރުގެ ވަގުތުގައެވެ.

ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ހަރަކާތުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާލޭ ޕީއެންސީން މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެފައިވެއެވެ.

ކެމްޕެއިން ހަރަކާތުގެ ގެ ތެރެއިން ރައީސް ހުޅުމާލެ ދެކޮނަށް ވަޑައިގެންފައިވާއިރު ހުޅުމާލެއަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުން އަންނަ ތަނެކެވެ.

ކުރިއަށް އޮތް އިންތިހާބަށް އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލެ ހިމެނޭ ދާއިރާތައް ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ޕީއެންސީން ކެންޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

މި ކެމްޕެއިން ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ކެމްޕެއިން ހަރަކާތްތަކުގައި ޕީއެންސީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓްދޭންވީ ސަބަބުތައް ހާމަކުރެއެވެ.

ޕީއެންސީއަށް ވަނީ އިންތިހާބަކާ ނުލައި، މިހާތަނަށް ފަސްދޮޅަސް ނުވަ ގޮނޑި ކަށަވަރުވެފައެވެ.