ކަރާ އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގްބޫލު މޭވާއެކެވެ. މިއީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިދޭ، ފެނުގެ ބައި ގިނަ މޭވާއެކެވެ. ކަރާ އެންމެ މަގުބޫލީ ރަމަޟާން މަހުގައެވެ. ރަމަޟާން މަހުގެ އެކި ޕްރޮމޯޝަން ތަކާއި ސޭލްތަށްވެސް އެއީ ރޯދަޔަށް ހާއްސަ އެއްޗެއްކަން ދައްކުވައިދޭން ކަރާގެ ފޮޓޯއާއި ލޯގޯ ބޭނުންކުރެއެވެ. ކަރާ އާއި ނުލައި ރޯދަ މަހުގެ ސުފުރާމަތި ފަޅޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ހަށިގަނޑަށް ބޭނުންވާ ފެން ލިއްބައިދެއެވެ.
ކާރާ އަކީ އޭގައި 92 އިންސައްތަ ފެން އެކުލެވިގެންވާ މޭވާއެކެވެ. މީގެ ސަބަބުން ހަށިގަނޑު ފެން މަދުވިޔަ ނުދީ ތާޒާކަންމަތީ ދެމިހުންނާނެވެ.

ބަލިތަކާއި ދެކޮޅަށް ފަރުވާއެކެވެ.
ކަރާއަކީ އެހެން ހުރިހާ މޭވާއަކަށް ވުރެ ގިނައިން ”ލައިކޯޕީން“ މާއްދާ ހިމެނޭ މޭވައެކެވެ. ކަރާގައި ހުންނަ ރަތްކަމުން އެކަން ދޭހަ ކޮށްދެއެވެ. މި މާއްދާގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ކަރާގައި ގިނަ އަދަދަކަށް ޕޮޓޭޝިއަމް ހިމެނޭތީ އޭގެ ސަބަބުން ހިތުގެ ވިންދު ހަމައަކަށް އެޅުވުމަށާއި ލޭ ދައުރުވުން ރަނގަޅު ކުރުމަށް  ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ކަރާއަކީ އެގައި ގިނަ އަދަދަކަށް ވިޓަމީން ސީވެސް ހިމެނޭ މޭވާއެއްކަމުން ލައޮކޯޕީން އަދި ވިޓަމިން ސީގެ ސަބަބުން ކެންސަރ ސެލްތައް އެފެދުން ހުޅއްޓުވުމަށް އެހީވެދެއެވެ. އަދި މި މާއްދާ ތަކުގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަމަށްވެސް އިތުރަށް އެހީވެދެއެވެ.

ލޭދައުރުވުން ރަނގަޅުކޮށްދެއެވެ.

ކަރާގައި ގިނަ އަދަދަކަށް ހިމެނޭ ލައިކޮޕީން ލޭގެ ކޮލެސްޓްރޯލް ދަށްކޮށް، ލޭ ހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވިޔަ ނުދޭން އެހީތެރިވެދެއެވެ. އަދި  ކަރާގައި ހިމެނޭ ސިޓްރޫލިން ކިޔާ އެމިނޯ އެސިޑް ލޭ ދައުރުވުން ރަނގަޅުކޮށް، ގައިގެ ވަރު ގަދަކޮށްދެއެވެ. އަދި އޭގެ ސަބަބުން ލޭގެ ޕްރެޝަރު  ދަށް ކޮށްދިނުމަށްވެސް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.

ލޮލުގެ ސިއްހަތު ރަނގަޅުކޮށްދެއެވެ.
ކަރާއަކީ އޭގެއިން ލޮލުގެ ސިއްހަތަށް މުހިންމު މާއްދާތަކެއް ހިމެނޭ މޭވާއެކެވެ. އެގޮތުން ކަރާގައި ހިމެނޭ ވިޓަމިން އޭ ބީޓާ ކެރޮޓީން އިން ލޮލުގެ ފެނުން ތޫނުކޮށްދެއެވެ. އަދި ބައެއް މީހުންނަށް ދިމާވާ ކަމެއްކަމުގައިވާ (ނައިޓް ބަލައިންޑްނަސް) ނުވަތަ އަދި ރޭނގަޑު ފެނުން ކުޑަވުމަށްވެސް ވި ޓަމިން އޭ މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ލައިކޯޕީން މާއްދާގެ ސަބަބުން ދުވަސްވާވަރަކަށް ލޮލުގެ ފެނުން ދަށްވުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުންވެސް އާއްމުކޮށް ކަރާ ކެއުމުގައި ހިމަނާ ނަމަ ލޮލަށް ގެއްލުންދޭ ނޫ އަލިން ލޮލުގެ ރެޓިނާ ރައްކާތެރިކޮށްދެއެވެ.

ކަސްރަތު ކުރުމަށްފަހު ކަރާ ކެއުމުން ގިނަގުނަ ފައިދާތަކެއް ލިބެއެވެ.
ކަރާއަކީ އޭގައި ގިނަ އަދަދަކަށް ފެން ހުންނަ މޭވާއެކެވެ. ކަސްރަތުކުރުމަށްފަހު ކަރާކެއުމުން ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑުން ބޭރުވި ފެން ލިއްބައިދޭން އެހީތެރިވެދެއެވެ. މީގެ އިތުރުންވެސް ކަސްރަތަށް ފަހު ގައިގެ މަސްތަކުގައި ހުންނަ ތަދު ކުޑަކޮށްދީ ، ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ކުދި އަނިޔާ ތަކުން އަވަހަށް ފަސޭހަވުމަށް އެހީތެރިވެދެއެވެ. އަދި ކަރާގެ ހިމެނޭ ދުޅަތިރިކޮށްދޭ މާއްދާތަކުގެ ސަބަބުން ހުޅުތަކުގައި ރިއްސުމުން ދުރުކޮށްދެއެވެ.

މީގެ އިތުރުންވެސް ކަރާއަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިންސްއާއި މިނަރަލްސް ހިމެނޭ މޭވާއެކެވެ. މީގެ ސަބަބުން މަތީގައި ބަޔާންކުރެވުނު ފައިދާތަކުގެ އިތުރުންވެސް ކަރާގައި ގިނަ އަދަދަކަށް ފައިބާރ ހިމެނޭތީ އޭގެ ސަބަބުން ހަޖަމްކުރުމުގައި ދިމާވާ މައްސަލަތަކަށް ލުއި ލިބިގެންދެއެވެ. ކަރާ އަކީ އޭގެ ޒާތުގައި ގިނަގުނަ ފައިދާ ތަކެއް ލިއްބައިދޭ މޭވާއެއްކަމުގައި ވީނަމަވެސް ހަކުރުބަލި ހުންނަ ފަރާތްތަކުން މި މޭވާ ކާންވާނީ ޑޮކްޓަރުގެ ލަފަޔާއެކުގައެވެ. ފައިދާ ހުރި ނަމަވެސް އެންމެ ރަނގަޅުގޮތަކީ ކޮންމެ އެއްޗެއް ކެއި ކަމުގައިވިޔަސް ވަކި މިންވަރަކަށް ކެއުމެވެ.