ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިން ބާއްވައިގެން ފާއިތުވި 15 އަހަރު ބޭއްވި އެއްވެސް މަޖިލިސް އިންތިހާބަކުން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މަޖިލީހެއް ލިބިފައި ނުވާކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ސްޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު ހުސްނުއްސޫދު ދެ އިންތިހާބު ބޭއްވުމާއި ދެކޮޅަށް ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ދިޔާނާވަނީ މި ކަމާއި ދެކޮޅަށް ހުސްނުއްސޫދު ދެއްކެވި ވާހަކަފުޅުގަބޫލު ނުކުރާކަމަށް ވިދާޅުވެ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާފައެވެ.
އެގޮތުން ދިޔާނާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވެނޭ ފަދަ ނަތީޖާ ނެރެވެ މަޖިލީހެއް ލިބުމަކީ މިގައުމަށް އޮތް އެންމެ މުހިއްމު މަސައްކަތްކަމަށެވެ.
އަދި ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ގޮތުގައި ސުއޫދު ފާހަގަކުރެއްވި ކަންކަން ހަގީގަތަކަށް ނުވެ އޮތް މައިގަނޑު ސަބަބަލީ ނަތީޖާ ނެރެވޭ ހަރުދަނާ ރައްޔިތުންގެ މަޖިލީހެއް ނެތުންކަމަށް ދިޔާނާ ވިދާޅުވިއެވެ.
އަދި މިހާރު އަމަލުކުރަމުންދާ ގޮތަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ މެދުގައި ހަ މަސްދުވަހުގެ ވަގުތެއް ބާއްވައިގެން ފާއިތުވި 15 އަހަރު ބޭއްވި އެއްވެސް މަޖިލިސް އިންތިހާބަކުން ސަރުކާރު ޖަވާބުދާރީ ކުރެވިފައި ނެތްކަމަށް ދިޔާނާ ވިދާޅުވިއެވެ.
އަދި ފާއިތުވި 15 އަހަރުގެ ތަޖުރިބާއަށް ބަލާއިރު ވަކި ދެ ތާރީހެއްގައި ދެ އިންތިހާބު ބޭއްވުމުގެ ނިޒާމް ނުވަތަ ސްޓެގާޑް އިލްކްޝަންގެ ނިޒާމަކީ ރާއްޖޭގެ ސިޔާގުގައި ފެއިލްވެފައިވާ ނިޒާމެއް ކަމުގައި ބަލަންޖެހޭ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
އަދި އެ ނަތީޖާތަކަށް ބަލާއިރު އެކަންކަން އިސްލާހުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ލާޒިމް ކަމެއް ކަމަށާއި، އެހެންކަމުން އެއް ތާރީހެއްގައި އިންތިހާބުތައް ބޭއްވުމަކީ ތަޖުރިބާ ކުރަންޖެހިފައިވާ ކަމެއް ކަމަށް ދިޔާނާ ވަނީ ފާހަގަކުރައްވާފައެވެ.
ދިޔާނާ އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ އިންތިހާބު ބޭއްވުމަށް ކުރާ ހަރަދުކުޑަވެ އަދި އިންތިހާބު ތަކުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމެއް ކަމަށް ދިޔާނާވަނީ ފާހަގަކުރައްވާފައެވެ.

