މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
ރާއްޖޭގެ ޒަކާތު ހައުސް އިން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި، އެ ފުރުސަތު މި މަހުގެ 18 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
އަދި ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް ޒަކާތު ހައުސް އިން ބުނެފައިވެއެވެ.
ޒަކާތު ހައުސްއިން ބުނެފައިވަނީ މޭގައި ގޮވާމުން ޒަކާތް ބަލައިގަންނަނީ ސެންޓަ ފޯ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އިން މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހުކަމަށެވެ.
ޒަކާތް ބަލައިގަންނަ ގަޑިތަކަކީ 14 އަދި 15 ވަނަ ދުވަހު ހެނދުނު 10 އަކުން މެންދުރު 12 އަށެވެ. އަދި 16 އަދި 18 ވަނަ ދުވަހު ޒަކާތް ބަލައިގަންނާނީ އެގަޑީގެ އިތުރުން މެންދުރު 1 ކުން މެންދުރު ފަހު 3 ގަޑި ސުންމިނެޓަށް ކަމަށްވެސް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ އާދައިގެ ހަނޑުލާއި، ތައިލެންޑު ހަނޑުލާއި، ރަތް ހަނޑުލާއި، ބާސް މަތީ އާދައިގެ ހަނޑުލާ، ބާސްމަތީ މޮޅު ހަނޑުލާ، ބާސްމަތީ އެންމެ މޮޅު ހަނޑުލާއި،އާދައިގެ ފުށާއި އާޓާ ފުށުންނެވެ.

