ދަރިންނަށް ދެ އަހަރު ފުރެންދެން، އަންހެން މުވައްޒަފުންނަށް ކޮންމެ ދުވަހަކު ހުސް ވަގުތު ދޭންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

މީގެ ކުރިން ވަޒީފާ އާ ބެހޭ ގާނޫނު ކުރިން އޮތް ގޮތުން އަންހެން މުވައްޒަފުންނަށް  30 މިނިޓްގެ ހުސްވަގުތު ދުވާލަކު ދެ ފަހަރު ދޭންޖެހެނީ ދަރިފުޅަށް އެއްހަރުވަންދެނެވެ. ނަމަވެސް މި އިސްލާހާއި އެކު  މި ހުސްވަގުތު ދަރިފުޅަށް ދެ އަހަރުވަންދެން ދޭންޖެހެއެވެ.

މަޖިލީހަށް މި އިސްލާހު ހުށަހަޅާފައިވަނީ  ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒްއެވެ.
މަޖިލީހުން މިއިސްލާހު ފާސްކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގައެވެ.

މި އިސްލާޙު ގެނައުމުގެ ބޭނުމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖައާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި އެ ނޫން ވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކޮށް އެ ހައްގުތައް ލިއްބައިދޭ މޭރުމުން، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމެވެ.

ބިލުގައި ހިމެނި ކަންކަމުގެ ތެރޭގައި ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ގާނޫނުގެ ދަށުން ދައްކަން ޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމި ދާނެކަމަށް ބިލުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ.