މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ އަހުމަދު އީދު ސަލާމް ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ފިތުރު އީދު ދުވަހު ރައީސްގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށް މުލީއާގޭގައި ކަމަށާއި ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރައްޔިތުންނަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް ރައީސް ދެކަނބަލުން ދައުވަތު އަރުވައެވެ.
އަދި އާއިލާތަކާއެކު ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށްވެސް ރައީސް ދެކަނބަލުން ވަނީ ދައުވަތު އަރުވާފައެވެ.

