ެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދުވަނީ ހުންގާނު ނެތް ދޯންޏެން ހެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހޯރަފުށީގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްވަމުން އިކޮނޮމިކު މިނިސްޓަރ ސައީދު ވިދާޅުވީ މިއަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒަކީ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި ރައީސުންގެ ތެރެއިން މި ގައުމަށް ހަގީގީ މާނައިގައި ތަރައްގީއާއި ހަމަޖެހުމަށް މަސައްކަތް ކުރައްވާ ގެންނަވާ ލީޑަރުކަމަށެވެ.
އެގޮތުން އެމަނިކުފާނު ވަނީ އިންތިހާބެއް ކުރިމަތީގައި އޮއްވާ މުހިންމު އެތައް ބަދަލެއް ގެނެސްފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އޭގެ ތެރޭގައި ޓޮބޭކޯ ޖެނެރޭޝަން ބޭން އާއި ވޭޕްމަނާ ކުރުން ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ގެންނަވާ ބަދަލުތަކަށް ތާއީދު ނުކުރާ ބަޔަކު ނުކުރަނީ އަމިއްލަ މަންފާ އެއް ހާސިލްކުރަން ކަމަށާއި، އެފަރާތްތަކުން ބާރުގައި ތިބިއިރުވެސް އެވާހަކަތައް ދެއްކި ކަމަށާއި، އަދި އޭރު ވާހަކަ ދެއްކީ ހުރިހާ އިންތިހާބެއް އެކީގައި ބާއްވަން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
”އަޅުގަނޑުމެން މަޖިލީހުގައި ތިބި އިރު އެވާހަކަ ދައްކާވަރުން އުނދަގޫވޭ. ކޮމެޓީއަކަށް ވަނަސް ކިޔަނީ. ތި ބޭފުޅުންގެ ހައެއްކަ މެންބަރުންނޭ ތިތިބީ. މިއަށް ވާނެ އޭ ތާއީދުކުރަން. އަޅުގަނޑުމެން ދެންނެވިން މެޖޯރިޓީން ނިންމީމަ އަޅުގަނޑުމެންވެސް ތިގޮތަށްވެސް ދާންށޭ މިތިބީ“ ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ހުރިހާ އިންތިހާބެއް އެއްކުރަން ކީ މީހުންގެ މިއަދު ލީޑަރެއްވެސް ނެތް ކަމަށާއި، އޮޕޮސިޝަންގެ ޕާޓީގެ މެންޑޭޓްވެސް އެމީހުންގެ އަތުން ގެއްލިފައިވާކަމަށެވެ. އަދި މިއަދު އެމީހުންގެ އަތުގައި އޮތީ ޕޯޑިއަމްއަކާއި ކުލަޔާއި އެކަނިމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެޕާޓީގެ ލީޑަރެއްވެސް ނެތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއްކޮޅުން ނިކުމެހުރީ ކުރީގެ ރައީސްކަން ކުރި ބޭފުޅެއް ކަމަށާއި، އަނެއްކޮޅުން ހުރީ މިނިސްޓަރުކަން ކޮށްފައި ހުރި ބޭފުޅެން ނިކުމެ ހުރިއިރު އަނެއްކޮޅުން ހުރީ ނިކުމެހުރީ ނައިބު ރައީސް ކަމަށެވެ. އަދި އެބޭފުޅުން ނުކުމެ ކުރައްވާކަމަކީ ހެޑްލައިން ހެދުމަށް ދުލަށް އައިހާ އެއްޗެއް ކިއުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ވިޝަން އެއް ފޯކަސް އެއް އަދި ދާންވީ ޑައިރެކްޝަނެއް ވެސް ނެތް ކަމަށާއި އެމްޑީޕީ ދުވަނީ ހުންގާނު ނެތް ދޯންޏެއްހެން ކަމަށެވެ.
އެހެންވުމުން އެބޭފުޅުންގެ ފަރާތުން ދެއިންތިހާބު އެއްދުވަހެއްގައި ބާއްވަން ތާއީދު ކުރާނެ ކަމަކަށް ނުފެނޭ ކަމަށާއި، ނަމަވެސް އެހެން ހުރިހާ ޕާޓީއަކުން އެ ކަމަށް ތާއީދު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑު އަދި ހައިރާނެއްނުވާނެ، އޮޅިގެން އިބްރާހިމް މުހައްމަދު ސާލިހު މިއަށް ތާއީދުކުރާ ވާހަކަ ވިދާޅުވާނެ. ޔަގީން އޮޅިގެން ވިދާޅުވާނެ. ފަހުން އަދި މާފަން އެދެންވެސް އެދޭނެ. އެއީ އެބޭފުޅާގެ ހިތްޕުޅުގަ އޮތީ މިގޮތަށޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާގިނައިން ރަށްރަށަށް ދަތުރުކުރައްވާ އަދި އެމަނިކުފާނަށް ލިޔެފައިވާ ސްޕީޗެއް ނުދޭނަމަ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ނޫންގޮތެއް ނުވިސްނޭ ކަމަށެވެ.

