މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް މިރޭ ބިންގާ އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިއަދު އެކްސްގައި ވިދާޅުވީ މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރިތަނުގައި ޒަމާނީ މިސްކިތެއް އެޅުމަށްޓަކައި މިރޭ 9.30 ގައި ބިންގާ އަޅާނެ ކަމަށެވެ.
”އަދި ރޯދަ މަސްފަހުން ވަގުތީ މިސްކިތް ތަޅާލާނެ. މި މަޝްރޫޢަށް ފަންޑު ކުރަނީ ހެޔޮ އެދޭ ފަރާތަކުން. މިތަނުގައި ބިނާކުރަނީ 3 ބުރީގެ މިސްކިތެއް.“ މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ލިފްޓް ވެސް ބެހެއްޓޭނެ ކަަމަށެވެ.
”އިންޝާ ﷲ. އަމާޒަކީ ދޮޅުއަހަރުން މި މަޝްރޫއު ނިންމުން.“
މިނިސްޓަރު މީގެ ކުރިން، މިދިޔަ މާޗު މަހުގައި ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށްޓަކައި ބޭނުންވާ އެހީ މިހާރު ހަމަޖެހިފައި ވާކަމަށެވެ.

