މަދިރީގެ އުދަނގުލަކީ އަހަރެމެންގެ ދިރިއުޅުމުގެ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މަދިރިން ސަލާމަތްވުމަށް ގިނަ ފަހަރު ބޭނުންކުރަނީ މަދިރި ދުންދަނޑި ނޫނީ މަދިރި މަދުކުރުމަށް ކަރަންޓްގެ އެހީގައި ބޭނުންކުރާ ވަސީލަތެކެވެ. ނަމަވެސް ތިރީގައި މިވަނީ ގޭތެރެއަށް މަދިރި ވަނުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުން
މަދިރި އާލާވަނީ މަދު ފެނުގައެވެ. އެހެންކަމުން ގޯތިތެރޭގައާއި ގޭގެ ފެންޑާގައި ހުންނަ މާޕޮޓު، ހުސްދަޅު، ބާލިދީ ފަދަ ތަންތަނުގައި ފެން ހަރުލާފައި ހުރިތޯ ބަލައި އެތަންތަން ސާފުކުރުމަކީ އެންމެ މުހިންމު ކަންތަކެވެ.
މަދިރި ކަނޑުވާ ގަސް އިންދުން
ގޭގެ ކުޑަދޮރުތައް ކައިރީގައި ނުވަތަ ބޭރުގައި މަދިރި ދުރުކޮށްދޭ ފަދަ ވަސް ހުންނަ ގަސް އިންދިދާނެއެވެ. މީގެ ތެރޭގައި ކޮތަނބިރި ލެވެންޑަރ، ފޮނިތޮށި ގަސް އަދި މިންޓް ހިމެނެއެވެ.
ގުދުރަތީ ތެޔޮ ބޭނުންކުރުން
ލެމަންގްރާސް، ޕެޕަރމިންޓް އަދި ލެވަންޑާ ތެޔޮ ފަދަ ތަކެތި ފެނާ އެއްކޮށްގެން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ކައިރިއަށް ސްޕްރޭ ކުރުމުން މަދިރި ވަނުން މަދުކޮށްދެއެވެ.
ލުނބޯ އަދި ކަރަންފޫ ބޭނުންކުރުން
މިއީ ވަރަށް ފަސޭހަ ގޮތެކެވެ. ލުނބޯ ފޮއްޗެއްގެ މެދަށް ކަރަންފޫތަކެއް ޖެހުމަށްފަހު ގޭގެ ކޮޓަރިތަކުގައި ބެހެއްޓުމުން އޭގެ ވަހުގެ ސަބަބުން މަދިރި އެ ސަރަހައްދާ ދުރުވާނެއެވެ.
ލޮނުމެދު ސްޕްރޭ
ލޮނުމެދު ކުޑަކޮށް ޗިސްކުރުމަށްފަހު ފެނުގަ ކައްކާލާފައި، އެ ފެން ހިހޫވުމުން ސްޕްރޭ ފުޅިއަކަށް އަޅައި ގޭގެ ކަނުތަކަށާއި ދޮރުތަކަށް ސްޕްރޭ ކުރެވިދާނެއެވެ. ލޮނުމެދުގެ ވަހަކީ މަދިރި ވަރަށް ބިރުގަންނަ ވަހެކެވެ.
ދޮރުތަކުގައި މަދިރި ދާ ޖެހުން
ކުޑަދޮރުތަކާއި ބޭރަށް ހުޅުވޭ ދޮރުތަކުގައި މަދިރި ދާ ޖެހުމަކީ އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް މަދިރި ހުއްޓުވުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަންތަކެވެ.
ފަންކާ ބޭނުންކުރުން
މަދިރިއަކީ ވަރަށް ބާރަށް އުދުހޭ އެއްޗެއް ނޫނެވެ. އެހެންކަމުން ގޭތެރޭގައި ނުވަތަ ބޭރުގައި އިށީނދެ ތިބޭއިރު ބާރަށް ފަންކާ ޖައްސާފައި ބެހެއްޓުމުން މަދިރިއަށް އެ ސަރަހައްދަށް ކައިރިވުން ދަތިވާނެއެވެ.

