’މަސްޖިދުއްޒިކުރާ‘ މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ 1500 މީހުންގެ ޖާގައިގެ ތިން ފަންގިފިލާގެ މިސްކިތެކެވެ.
މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެއެވެ. މި މިސްކިތް ވެގެންދާނީ މާލެ ސަރަޙައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަށެވެ.
މި މިސްކިތުގެ އަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.
މިއީ މާލެ ސަރަޙައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުއެކެވެ.

