އދ.ދިގުރަށުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށް އަންގާފައިވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިގުރަށުގައި މާރިޗް 13ގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް ނިޔާވުމާއި ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގު ރަހުމާނަށް ތައުޒިޔާ ފޮނުވާ ކުރި މެސެޖްގައިއެވެ.
އެ މެސެޖްގައި ރައީސް ވަނީ ނުރައްކާތެރި ހާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި، އެ ގައުމުގެ ސަރުކާރަށާ، ރައްޔިތުންނާއި، ހާއްސަކޮށް، ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހަމްދަރުދީ ފާޅުކުރައްވައި، ތަޢުޒިޔާ ފޮނުއްވާކަަމަށް ވިދާޅުވެފައެވެ.
އަދި، ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއްކަމަށާއި، މި ހާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ޙާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 8 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭގެ ތެރެއިން ފަސް މީހުން ވަނީ ނިޔާވެފައެވެ.
އަނެއް ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްޗްގެ އައިސީޔޫގައެވެ.

