މާބަނޑު ދުވަސްވަރު ހަށިގަނޑުގެ ވަރުބަލިކަން އިހުސާސްވުމަކީ އެކަށީގެންވާ ކަމެކެވެ. ހަށިގަނޑުން ވަރުދެރަވެ، ބަނޑު ބޮޑުވަމުންދާ ވަރަކަށް އަރާމުކޮށްލަން ބޭނުންވި ނަމަވެސް، މީގެ އިދިކޮޅަށް މަދުވެގެން ދުވާލަކު 30 މިނެޓު ހަރަކާތްތެރިވެ އުޅުމަކީ މުހިންމު ކަމެކެވެ.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމަކީ މައިމީހާއާއި ދަރިފުޅުގެ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރި ކަމެކެވެ. ސިއްހީ މާހިރުން ލަފާދެއްވާ ގޮތުގައި، ދުޅަހެޔޮ މާބަނޑު އަންހެނުން ހަފުތާއަކު މަދުވެގެން 150 މިނެޓު މެދު މިންވަރެއްގެ ކަސްރަތެއްގައި ހޭދަކުރަންވާނެއެވެ. މިކަމަށް އެންމެ އެކަށީގެންވާ ކަސްރަތަކީ ބާރަށް ހިނގުމެވެ.

މާބަނޑު ދުވަސްވަރު ހިނގުމުގެ މުހިންމުކަން

ހިނގުމަކީ ހަށިގަނޑަށް މާ ބޮޑު ލޮޅުމެއް ނާރާ، ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައިވެސް ކުރެވިދާނެ ކަސްރަތެކެވެ. މީގެ ބައެއް ފައިދާތަކަކީ:

  • ވިހެއުމުގެ ތެރޭގައި ދިމާވާ ނުރައްކާތައް ކުޑަކޮށްދިނުން: ގަވާއިދުން ކަސްރަތުކުރާ ނަމަ މާބަނޑު ދުވަސްވަރު ހަކުރު ބަލި ޖެހުމާއި، ކުއްލި ހާލަތުގައި ސިޒޭރިއަން ހަދަންޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

 

  • ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން: ކެލަރީ އަންދައިދީ، ބަރުދަން އިތުރުވިޔަނުދީ ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަވެ، ވިހެއުމަށްފަހު އަވަހަށް ކުރީގެ ބަރުދަނަށް ރުޖޫއަވުމަށް މަގުފަހިވެއެވެ.

 

  • ނަފްސާނީ ދުޅަހެޔޮކަމާއި ހަކަތަ އިތުރުވުން: ހަފުތާއަކު ހަތަރު ދުވަހު 30 މިނެޓު ހިނގުމަކީ މާބަނޑު އަންހެނުންގެ މޫޑު ރަނގަޅުވެ، ވަރުބަލިކަން ފިލުވައިދޭ ކަމެކެވެ.

 

  • ބުރަކަށީގެ ރިއްސުން ކުޑަކޮށްދިނުން: ހިނގުމުގެ ސަބަބުން ބުރަކަށީގެ މަސްތައް ވަރުގަދަވެ، ބަނޑު ބޮޑުވަމުންދާއިރު ހަށިގަނޑަށް ލިބޭ ބުރަ ކުޑަކޮށްދެއެވެ.

 

  • ނިދި އަރާމުވުން: ހަށިގަނޑުގައި ހުންނަ އިތުރު ހަކަތަ އަންދާލުމުން، ފަސޭހައިން ނިދުމަށް އެހީތެރިވެދެއެވެ. ނަމަވެސް ނިދާ ވަގުތާ މާ ކައިރިކޮށް ކަސްރަތު ނުކުރުމަށް ސަމާލުވާންޖެހެއެވެ.

 

  • ބަނޑުހިކުމުން ސަލާމަތްވުން: ކަސްރަތު ކުރުމަކީ ކާނާ ހަޖަމުކުރުމުގެ ނިޒާމު އަވަސްކޮށްދީ، ބަނޑުހިކުމުގެ އުނދަގުލުން ދުރުކޮށްދޭ ކަމެކެވެ.

 

  • ވިހެއުމަށް ތައްޔާރުވުން: ހަށިގަނޑުގެ މަސްތައް ވަރުގަދަވުމަކީ ވިހެއުމުގެ މަރުހަލާ ފަސޭހަވެ، ވިހެއުމަށްފަހު އަވަހަށް ފަސޭހަވުމަށް އެހީތެރިވެދޭ ކަމެކެވެ.

ސަލާމަތީ ގޮތުން ސަމާލުކަންދޭންޖެހޭ ކަންކަން

ކުރިން ކަސްރަތުކޮށް ނުކުރާ މީހެއް ނަމަ ފުރަތަމަ ފަސް މިނެޓުން ފަށައިގެން މަޑުމަޑުން ވަގުތު އިތުރުކުރަމުން ގެންދާށެވެ. ކަސްރަތު ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

  • ގިނައިން ފެން ބުއިން: ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް އަބަދުވެސް ފެންފުޅިއެއް ގެންގުޅޭށެވެ.

 

  • ހަށިގަނޑަށް ލިބޭ އިހުސާސްތަކަށް ބެލުން: މާ ބޮޑަށް ބުރަކޮށް މަސައްކަތް ނުކުރާށެވެ. ވަރުބަލިވާނަމަ އަރާމުކުރާށެވެ.

 

  • ރައްކާތެރިކަމާއެކު ހިނގުން: ބަނޑު ބޮޑުވުމުގެ ސަބަބުން ހަށިގަނޑުގެ ބެލެންސް ހުންނަ ގޮތް ބަދަލުވާނެތީ، އަރިއަޅާނުލާނެ ފަދަ އޮމާން ތަންތަނުގައި ހިނގުމަށް ސަމާލުކަން ދޭށެވެ.

 

  • މި ހާލަތްތަކުގައި ހިނގުން ހުއްޓާލުން: ބޯ އެނބުރުން، ލޭ ފޭބުން ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ކަމެއް ދިމާވެއްޖެނަމަ، ވަގުތުން ހިނގުން ހުއްޓާލައި ޑޮކްޓަރަށް ދައްކާށެވެ.

ހިނގުމަކީ މާބަނޑު ދުވަސްވަރު ދުޅަހެޔޮކަންމަތީ ހުރުމަށް އެންމެ ފަސޭހަ އަދި ރަނގަޅު އެއް މަގެވެ.  ނަމަވެސް މާބަނޑު ދުވަސްވަރު އެއްވެސް ކަސްރަތެއް ކުރަން ފެށުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދުމަކީ މުހިންމުކަމެކެވެ.