ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު މައްޗަންގޮޅި މެދު ދާއިރާގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު ކާމިނީ މަގު މަޖީދީމަގާއި ގުޅޭ ކަންމަތިން ފެށި މިހަރަކާތަށް އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން މައްޗަންގޮޅި މެދު ދާއިރާއަށް ރައީސް ވަޑައިގެންފައިވާއިރު މާލޭގެ ގިނަ ދައިރާތަކުގެ އިތުރުން ވިލމާލެއާއި، ހުޅުމާލޭގެ ބައެއް ދާއިރާތަކަށް ވަޑައިގެން ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

މި ހަރަކާތުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާލޭ ޕީއެންސީން މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެފައިވެއެވެ.

ކުރިއަށް އޮތް އިންތިހާބަށް އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލެ ހިމެނޭ ދާއިރާތައް ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ޕީއެންސީން އަންނަނީ ކެންޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

