ބޯޓުފަހަރު ދަތުރުކުރާ މަގުތައް ބަލާ ޑޭޓާތަކުން ދައްކާގޮތުގައި، ހަރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން މަދު އަދަދެއްގެ ވިޔަފާރި އުޅަނދުތަކަކަށް މިހާރު ދެމުން ގެންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކަނޑުދަތުރުފަތުރުގެ މައުލޫމާތު އެއްކުރާ ކުންފުންޏެއް ކަމަށްވާ ’ވިންޑްވާޑް‘ އިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، އީރާނުގެ ދިދަ ނޫން އެހެން ދިދަފަހިތަކުގެ އަށް އުޅަނދެއް ހޯމަ ދުވަހު އެ މުހިންމު ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
މިއީ ފާއިތުވި ދުވަސްތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ.
މުހައްލިލު މިޝޭލް ވީސް ބޮކްމަން ވިދާޅުވި ގޮތުގައި، އީރާނާ އެކުވެރި ގައުމުތައް ކަމަށްވާ ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުގެ އުޅަނދުތަކަށް، ހާއްސަ ހުއްދައެއްގެ ދަށުން އެ ސަރަހައްދުން ދަތުރުކުރުމުގެ ފުރުސަތު އީރާނުން ދަނީ ދެމުންނެވެ. ނަމަވެސް، ހުޅަނގުގެ ގައުމުތަކާ ގުޅުންހުރި އުޅަނދުތައް އަމިއްލައަށް އިސްނަގައިގެން އީރާނުގެ ސަރަހައްދީ ކަނޑަށް ވަނުމަށް ޖެހިލުންވެއެވެ.
’މެރިން ޓްރެފިކް‘ އިން ބުނާ ގޮތުގައިވެސް ހޯމަ އަދި އާދީއްތަ ދުވަހު އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކުގެ އަދަދު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ މި ކަނޑުއޮޅީގެ ދަތުރުފަތުރު، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅިގެން %95 އަށްވުރެ ބޮޑަށް ވަނީ ދަށަށް ގޮސްފައެވެ. މީގެ ސަބަބުން ތެލުގެ އަގު ވަނީ ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. މިއީ ހަނގުރާމަ ފެށުމުގެ ކުރިއާ އަޅާބަލާއިރު %40 އިތުރު އަދަދެކެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، ހޯރްމުޒް ކަނޑުއޮޅި އޮތީ ހުޅުވިފައި ކަމަށާއި، ނަމަވެސް އެއީ އީރާނުގެ ”ދުޝްމަނުންނަށް“ ބަންދު ތަނެއް ކަމަށެވެ.
މީގެ ކުރިން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އިން ވަނީ އެ ސަރަހައްދުން ދަތުރުކުރަން އުޅޭ އުޅަނދުތަކުގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ހުޅުވުމަށް އެހެން ގައުމުތަކުގެ އެހީ އެމެރިކާއަށް ބޭނުންނުވާ ކަމަށެވެ. ހަމަ އެއާއެކު، އެމެރިކާގެ ސިފައިން ވަނީ ހޯރްމުޒް ކަނޑުއޮޅި ކައިރީގައި ހުރި އީރާނުގެ މިސައިލް ސައިޓްތަކަކަށް ވަރުގަދަ ބޮންތަކެއް އަޅައި ހަމަލާދީފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުގައި އެ ސައިޓްތަކުގައި ހުރި މިސައިލްތަކަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރަށް އޮތް ނުރައްކަލެކެވެ.
ނަމަވެސް އެއްވެސް ގައުމަކުން އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އަދި މިހާތަނަށް ބުނެފައި ނުވެއެވެ.

