ހދ.ކުޅުދުއްފުށީ މޭޔަރު މުޙައްމަދު އާތިފް، ރަމަޟާން މަހުގެ ފަހު 10 ގެ ބަރަކާތްތެރި ރޭތަކުގައި ހިލޭ އަންހެނަކު ގޮވައިގެން ރަށުތެރޭގައި ކާރު ދުއްވައި ހިންގި ނާތަހުޒީބު އަމަލުތައް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އޭނާއަށް ފާރަލައިގެން ފަޅާ އަރުވާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރަމަޟާން މަހުގެ 29 ވިލޭރޭ ދަންވަރު 3:00 ހާއިރުއެވެ. އެ ވަގުތަކީ ގިނަ ބަޔަކު ދަމުނަމާދަށް ދިއުމަށް ތައްޔާރުވަމުންދިޔަ ވަގުތެއް ނަމަވެސް، މޭޔަރު އާތިފް ފެނިފައިވަނީ އެއާޕޯޓް ސަރަޙައްދުގެ އެކަހެރި ދިމާލެއްގައި އޭނާގެ ކާރުގައި ހިލޭ އަންހެން ކުއްޖަކު ގޮވައިގެން އުޅުއްވަނިކޮށެވެ.

މި މަންޒަރު ފެނުނު އާންމު ރައްޔިތުންނާއި އެ އަންހެން ކުއްޖާގެ ބައްޕަ އެ ސަރަހައްދަށް ގޮސް، ދަރިފުޅު ސަލާމަތްކުރުމަށް އެތައް އާދޭހެއް ކުރި ނަމަވެސް، މޭޔަރު ވަނީ އެކަމަށް ބީރު ކަންފަތެއް ދީފައެވެ. އަދި ކާރުގެ ދޮރުތައް ތަޅުލައިގެން އިނދެ، އެ އާއިލާގެ ކަރާމާތަށް ފުރައްސާރަކުރުމަށްފަހު، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބާރުމިނެއްގައި ކާރު ދުއްވާފައި ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ވަނީ ”އަހުސަން އައްބެ“ ނަމަކަށް ޖަހާފައި އިން ފޭސްބުކް އައިޑީއަކުން ލައިވް ވެސް ކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ރަށުގެ މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔައީ، މޭޔަރުގެ ދިފާއުގައި ސިޔާސީ ބަޔަކު ނުކުމެ، ކާރު ފަހަތުން ދިޔަ އާންމު ރައްޔިތުންގެ ގައިގައި ސައިކަލުތަކުން ޖައްސައި، ލޭއޮހޮރުވުމަކަށް މަގުފަހިވާ ފަދަ ހަމަލާތަކެއް ދޭން ފެށުމުންނެވެ.

މި ހާދިސާގައި ބައެއް މީހުނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، އެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ ފަރުވާވެސް ދީފައެވެ.

މި ހާދިސާއާއި ގުޅިގެން ކުޅުދުއްފުށި ރައްޔިތުންވެސް ލަދުވެތިކަމެއްގައި ތިބިއިރު، އެމީހުން ބުނެފައިވަނީ ފުލުހުންގެ އަމުރަށް ގޮންޖަހައި، އިސްލާމީ މުޖުތަމައެއްގައި މީހަކު ކޮށްގެން ނުވާނެ ފަދަ ދަށު ދަރަޖައިގެ އަމަލެއް މޭޔަރުގެ ފަރާތުން ފެނުމަކީ މުޅި ސިޓީއަށާއި ރައްޔިތުންނަށް ލިބުނު ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އަދި އޭނާ މިފަދަ އަމަލެއް ކޮށްފައިވަނީ ޒިންމާދާރު މަގާމެއްގައި ހުރެ ކަމަށްވާއިރު، މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މޭޔަރާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

މޭޔަރުގެ ފަރާތުން މިފަދަ އަމަލެއް ފެނިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށްކަމުން، އެމްޑީޕީގެ މިފަދަ ކެންޑިޑޭޓޫން އިންތިހާބުކުރުމާ ދެކޮޅަށްވެސް މީހުން އަންނަނީ އަޑު އުފުލަމުންނެވެ.

މި ހާދިސާއާއި ގުޅޭ ގޮތުން ފުލުހުން  ބުނެފައިވަނީ މޭޔަރަށް ހިމާޔަތްދިނުމުގެ ގޮތުން ފުލުހުންގެ ހިމާޔަތަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް އޭނާ ގެންދިޔަ ކަމަށް ބުނެފައެވެ. އަދި މައުލޫމާތު ލިބުނު މިންވަރަކުން ހިއްސާކުރާނެ ކަމަށް ބުނި ނަމަވެސް، މި ހާދިސާގެ އިތުރު ތަފްސީލެއް މިހާތަނަށްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.