މިއަދުން ފެށިގެން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކާ ބެހޭ އެއްބަސްވުމެއް ގާއިމުކުރުމަށް ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ދެ ގައުމުގެ އޭވިއޭޝަން ދާއިރާގެ ކަމާބެހޭ އިދާރާތަކުން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާކަމަށެވެ.
އަދި މިއަދުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކުން ދަތުރުތައް ބޭއްވުމުގައި އެއްވެސް ހުރަހެއް ނެތްއިރު، މީގެ ސަބަބުން ފަތުރުވެރިކަމާއި، ވިޔަފާރި އަދި ދަތުރުފަތުރުގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.

