ބޮލަކަށް ހަހާސް ރުފިޔާގެ މަގުން މިއަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ފިތުރު ޒަކާތް ބަހައިފިއެވެ.
މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހައި ތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު، މިއީ މިހައި ތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ.
މީގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 ދިވެހި ރުފިޔާއެވެ.
ޒަކާތް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް ފިތުރު ޒަކާތް ބަހައިފައިވާ އިރު، ބޮލަކަށް ޖެހިފައިވަނީ 6000ރުފިޔާއެވެ.
މިއީ ފާއިތުވި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބެހި އަދަދަށް ވުރެ 1500 ރުފިޔާ އިތުރު އަދަދެކެވެ. އެއަހަރު ބޮލަކަށް ބަހާފައިވަނީ 4500 ރުފިޔާއެވެ.
މިއީ ރާއްޖޭގައި މިހައި ތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިން ވެސް ހިމެނެއެވެ.
މި އަހަރު ފިތުރު ޒަކާތް ބަލައިގަނެފައިވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް،ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްގެންނެވެ.
މީގެ އިތުރުން، އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ހާއްސަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ހާއްސަ އޮންލައިން ޕޯޓަލެއް ޒަކާތު ހައުސްއިން ތައާރަފުކޮށްފައިވެއެވެ.
މާލެ ސަރަޙައްދުގައި ވެސް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ބަލައިގަނެފައިވާއިރު، ގޮވާމުން ވެސް ޒަކާތް ބަލައިގަނެ ޒަކާތް ބަލައިގަތުމާއި ބެހުން ކުރިއަށް ގެންގޮސްފައިވެއެވެ.
މިކަމާއި ގުޅިގެން ޒަކާތު ހައުސް އިން ބުނެފައިވަނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓަރު ކުރެވިފައިވާ ކަމަށާއި، އޭގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް މަގުފަހިވެގެންދިޔަ ކަމަށްވެސް ޒަކާތު ހައުސް އިން ބުނެއެވެ.

