ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މެދުހެންވޭރު ދާއިރާގެ ރައްޔިތުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިހަރަކާތުގެ ތެރެއިން ރައީސް ވަނީ މާލޭގެ ގިނަ ދާއިރާތަކާއި، ހުޅުމާލޭގެ ބައެއް ދާއިރާތަކުގެ އިތުރުން ވިލިމާލެއަށް ވަޑައިގެން ބައެއް ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މިއަދު މެންދުރު ޖަނަވަރީ މަގު ސޮނީ ސްޕޯޓްސް ކުރިމަތިން ފެށި މިހަރަކާތަށް އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މި ހަރަކާތުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާލޭ ޕީއެންސީން މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެފައިވެއެވެ.

މާލޭގެ ދާއިރާ ތަކުގެ އިތުރުންވެސް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ޕީއެންސީން އަންނަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކޮށްފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.