ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ގައުމީ ދިފާއީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ބައްލަވާލައްވައިފިއެވެ.
ރައީސް ސަލްޓަން ޕާކަށް މިއަދު މެންދުރު ކުރެއްވި މި ޒިޔާރަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެއްލެވުމުގެ ދަށުން ތަރައްގީ ކުރައްވަމުންގެންދަވާ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ގާއިމުކުރާ އެކިއެކި ވަސީލަތްތަކުގެ މައުލޫމާތު ސާފުކުރައްވައި، ޕާކު ތަރައްގީ ކުރުމުގައި އަމަލީ ގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް ވަޒަންކުރެއްވިއެވެ.
ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްގީ ކުރައްވައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ގާއިމުކުރާ އެކިއެކި ވަސީލަތްތަކާއިއެކު ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާކު އަލުން ހުޅުވާލެއްވުމުގެ ގޮތުން އެ މަސައްކަތް ވަނީ ގައުމީ ދިފާއީ ބާރާއި ހަވާލު ކުރައްވާފައެވެ.
ސަލްޓަން ޕާކު އަލުން ތަރައްގީ ކުރެވިގެންދާއިރު އެ ޕާކުގެ ވިންޓަރ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިންގ މަރުކަޒެއްވެސް ގާއިމުކުރެވިގެންދާނެއެވެ.

