ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފައިސާ ހަވާލުކޮށްފައިވަނީ އިސްރާ އެސޯސިއޭޝަން މޯލްޑިވްސް އާއެވެ.
މި އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާގެ މައިގަނޑު މަގުސަދަކީ ވެސް ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމެވެ.
މީގެ އިތުރުން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޖަމްއިއްޔާއިން މަސައްކަތް ކުރެއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު 15 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އޭގެ ތެރެއިން ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ޓްރަސްޓް ފަންޑަށް 423,749 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ.
އަދި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިފަހަރު ވަނީ 6000 ރުފިޔާ ބަހާފައެވެ.

