މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައިފިއެވެ.
އިރާނާއި އިޒްރޭލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިކަން އިއުލާނު ކުރެއްވެވީ ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލެވެ.
މިނިސްޓަރު ވިދާޅުވީ، ހަނގުރާމައާއި ގުޅިގެން އަދި މިހާތަނަށް ވެސް އެއްވެސް ބަޔަކަށް ރާއްޖޭގެ ވައިގެ ސަރަހައްްދު ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހުއްދައެއް، އެއްވެސް ބަޔަކަށް ނުދޭނެ ކަަމަށެވެ.
ވައިގެ ސަރަހއްދުތައް ބަންދު ކުރުމާ ގުޅިގެން ދިމާވެދާނެ ގޮންޖެހުންތައް ދެނެގަތުމާއި، ހަނގުރާމައިގެ ސަބަބުން ބޭރުގެ އެކި ގައުމުތަކުގައި ތާށިވާ ދިވެހީން ދެނެގަނެވި، ބައެއް ސަރަހައްދުތަކުގައި ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރެވިފައިވާ ކަމަށް ވެސް ހަލީލު ވިދާޅުވިއެވެ.
އަދި ބޭރު ގައުމުތަކުގައި އުޅޭ ދިވެހީން، އެ ގައުމުތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށިގެންދިިޔަ ހަނގުރާމަ ދިގުލައިގެންދާއިރު، ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު މަގުތަކެއް ހޯދަމުން އަންނަ ކަމަށާއި، މިކަމުގައި އަވަށްޓެރި ގައުމުތަކުން އީޖާބީ ޖަވާބުތަކެއް ލިބެމުންދާ ކަމަށް ވެސް ހަލީލުގެ ވާހަކައިގައި ފާހަގަކުރެއްވިއެެވެ.
ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެކި ގައުމުތަކާއެކު މަޝްވަރާ ކުރަމުންދާއިރު، މިކަން ސިންދަފާތު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަަރު ވިދާޅުވިއެވެ. އަދި ޒަރޫރީ ތަކެތި ހޯދުމުގައި ވެސް އެހެނިހެން މާކެޓުތައް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.
މީގެ އިތުރުން، ހަނގުރާމަ ދިގުލައިގެން ދާނަމަ، ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މަޝްރަވާ ކުރަމުންދާކަން ފާހަގަކުރައްވައި، ހަލީލު ވިދާޅުވީ، މިކަމުގައި ވެސް ސަރުކާރުން އަމަލު ކުރާނީ، ރަައްޔިތުންނަށް އެއްވެސް ދަތިކަމެއް ނުވާނެ ގޮތަށް ކަމަށެވެ.

