ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާ މެޝީނަރީ އިންޖިނޭރިންގް ކޯޕަރޭޝަން (ސީއެމްއީސީ)ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓަށް ޒިޔާރަތްކުރައްވައި، ”އެފޯޑަބަލް ހައުސިންގ“ މަޝްރޫޢުގެ ފެށުމަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދަވާ ”އެފޯޑަބަލް ހައުސިންގ“ މަޝްރޫއުގައި ހިމެނިގެން ހުޅުމާލޭގައި ތަރައްގީ ކުރާ 1224 ހައުސިންގް ޔުނިޓްގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެމަނިކުފާނު ބައްލަވާލައްވާފައި މިވަނީ ރޭ ބޭއްވި އެ މަޝްރޫއުުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުއެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ސީ.އެމް.އީ.ސީ. ގެ ފަރާތުން ވެފައިވާ ތައްޔާރީތަކުގެ ތަފުސީލީ މައުލޫމާތު ހޯއްދަވާފައެވެ.

މި މަޝްރޫއުގެ މަސައްކަތް މަޑުޖެހުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ރައީސް ވަނީ އެ ކުންފުނީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި ރައީސްގެ އެދިވަޑައިގެންނެވުމަށް އިޖާބަދެއްވައި އެ ކުންފުނީގެ ވެރިން ވަނީ މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއްވެސް ތާވަލުކުރެވިފައިވާ ތާރީޚްތަކަށް ނިންމަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ޒިޔާރަތުގައި، ރައީސްގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި މި މަޝްރޫޢުގެ ފައިނޭންސަރެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އިސްވެރިންގެ އިތުރުން ސީ.އެމް.އީ.ސީ. ގެ އިސްވެރިންނާއި ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.