ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ވިސާ 90 ދުވަހަށް އިތުރުކުރެވޭނެ ފަސޭހަ ގޮތެއް ބަލަމުން އަންނަ ކަމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ރިމޯޓް ވޯކް ވިސާއަކާއި ކޮންޓެންޓް ކްރިއޭޓާ ވިސާއެއްވެސް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާއި ގުޅިގެން އެކުލަވާލި ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޯރިގް ވިދާޅުވީ %30 އަށްވުރެ ގިނަ ފަތުރުވެރިން އަންނަނީ މެދުއިރުމަތީގެ އެއާލައިންތަކުން ކަމަށްވާއިރު، ހަނގުރާމައާއި ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށެވެ.

ތޯރިގް ވިދާޅުވީ އެއާލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މި ދާއިރާއަށް ދިމާވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރު ފެށުނު އިރު ޖަނަވަރީ އަދި ފެބްރުވަރީ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުނަމަވެސް މި މަހުގެ އެކަކުން ފެށިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައިވާ ކަމަށް ތޯރިގް ވިދާޅުވިއެވެ.

މި މަހުގެ އެކަކުން 19 ގެ ނިޔަލަށް 97،002 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާއި އޅާ ބަލާއިރު %21 ދަށްވުމެއް ކަމަށް ތޯރިގް ވިދާޅުވިއެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ފަތުރުވެރިން ގެނެވޭނެ ރޫޓުތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ގުޅިގެން ބަލަމުން އަންނަކަން ފާހަގަކުރައްވާ ތޯރިގް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިން އެމީހުންގެ ޗުއްޓީގެ މުއްދަތު އިތުރުކުރަން ބޭނުންވާތީ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”މިހާރު ޓޫރިސްޓުން މި އަންނަނީ، އޮން-އެރައިވަލް ވިސާ މި ލިބެނީ 30 ދުވަހަށް. އެހެންވީމާ އެ 30 ދުވަސް އެކްސްޓެންޑު ކުރަން، ފަސޭހައިން އެކްސްޓެންޑުކުރެވޭނެ ގޮތްތަކެއް ހަދަން މިހާރު އަޅުގަނޑުމެން މަސައްކަތް ފައްޓައިފިން. އޭރުން ނޫނިއްޔާ ވާ އެއްޗަކީ މި ވަގުތު އޮތީ ވަރަށް އުނދަގޫ ގޮތަކަށް 90 ދުވަހަށް އެކްސްޓެންޑުކުރަންޏާމުން.“ ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ ރިމޯޓް ވޯކިން ވިސާއަކާއި ކޮންޓެންޓް ކްރިއޭޓާ ވިސާއެއްވެސް ރާއްޖޭގައި ތައާރަފްކޮށް، ބޭރުން އަންނަ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ސްޕޯޓްސް ފިޝިން އާއި ބިގް ގޭމް ފިޝިންވެސް ރެގިއުލޭޓްކޮށް ފޯކަސް ކުރެވިގެން އެކަމަށް މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ކުރިއަށް އޮތްތަނުގައި ހަމަޖައްސަވާނެ ކަމަށެވެ. އެގޮތުން މިއީ 7.2 ބިލިއަން ޑޮލަރުގެ މާކެޓެއް އޮތް ދާއިރާއަކަށް ވާއިރު، އޭގެ އިތުރުން ވެސް ޓެކްނިކަލް އަދި ރެކްރިއޭޝަނަލް ޑައިވިންއަށް ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ. އެއާއެކު 40 މީޓަރަށް ވުރެ ފުނަށް ޑައިވް ކުރެވިގެން ދާނެ ކަމަށާއި، މިއީވެސް 5.2 ބިލިއަން ޑޮލަރުގެ މާކެޓެއް އޮތް ދާއިރާއެއް ކަމަށް ތޯރިގް ވިދާޅުވިއެވެ. ހަމައެހެންމެ، ސްޕެއާ ފިޝިންއަކީވެސް ރާއްޖޭގައި މަނާކޮށްފައި އޮތް ކަމެއް ނަމަވެސް އެކަމަށްވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ހަލާލު ޓޫރިޒަމް ފުޅާކުރުމަށާއި، އެޑިއުކޭޝަން އަދި ރިސާޗު ޓުއަރިޒަމް ފުޅާކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެއާލައިންތައް އިތުރުކުރުމަށް ސިނާއަތުގެ ތަޖުރިބާކާރުންނާއެކު މަޝްވަރާކުރަމުންދާ ކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.