މެދުއިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް އިގްތިސާދީ ނޭދެވޭ އަސަރުކުރަމުން އަންނަ ދަނޑިވަޅުގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ތެލުގެ ވިޔަފާރިކުރާ ކުންފުނިތަކަށްވެސް ގެއްލުން ނުވާނެ ގޮތަށް ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އިރާނާއި އިޒްރޭލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ޒަމީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް އިގްތިސާދީ ގޮތުންވެސް ވަރަށް ގިނަ ގެއްލުންތައް ވެފައިވާ ކަމަށެވެ. އަދި އެކަންކަމަށް ހައްލު ގެނައުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ބަލަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ތެލުގެ ވިޔަފާރިއަކީވެސް އެސްޓީއޯގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް ކުރަމުން އަންނަ ވިޔަފާރިއަކަށްވާއިރު، ސަރުކާރުން އަޅާ ފިޔަވަޅުތަކެއްގެ ސަބަބުން އެ ވިޔަފާރިތަކަށް އެއްވެސް ގެއްލުމެއް ވިޔަ ނުދީ ކުރިއަށް ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ތެލުގެ ސްޓޮކްވެސް ބޭނުންވާ ވަރަށް އެބަހުރި ކަމަށާއި، އަންނަ މަހުގެ ދެވަނަ ނުވަތަ ތިންވަނަ ދުވަހުވެސް ސިންގަޕޫރުން ތެލުގެ އިތުރު ޝިޕްމަންޓެއް ލިބޭނެ ކަމަށެވެ. އަދި އޮމާނުންވެސް ތެލުގެ އިތުރު ސްޓޮކެއް ލިބޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ތެލުގެ އަގު ވަރަށް ބޮޑުވެފައިވާކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ތެލުގެ ހިދުމަތް ހޯދާ ވަކި ފަރާތްތަކަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް މިހާރުވެސް ކުރަމުން އަންނަ ގޮތަށް މަސައްކަތް ކުރަމުންދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ހަނގުރާމަ އަވަހަށް ނިމޭނެ ކަމުގެ އުއްމީދެއް ނެތް އިރު ކުރިއަށް އޮތް ހަ މަސް ދުވަހަށް ވާ ވަރަށް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ވަޒީރުންގެ ކޮމިޓީން މަޝްވަރާކުރައްވައިގެން އަޅުއްވާނެ ކަމަށެވެ.

