ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރު ބުރައާއި ތަކުލީފު ނާންނާނެގޮތަށް ކަމުގައި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއަރ އަދި ހާރިޖީ ވަޒީރު، ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި މާލީ ވަޒީރު، މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ހަނގުރާމަ ދިގުލައިގެން ދިޔަކަމުގައިވިޔަސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކާއި ރައްޔިތުންނަށް ބޭނުންވާނެ ކަންކަމަށް ބުރޫނާރާނެ ގޮތަށް ގައުމުގެ ކަންކަން ރޭވުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަމުގައި ވިދާޅުވިއެވެ.
އޭގެ ތެރޭގައި ބޭހާއި ކާޑާއި ތެލާއި އަދި ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ކުދިންނަށް އަޅުގަނޑުމެން ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސް ފީތައް ފޮނުވުމުގެ ކަންތައް ހަމައަކަށް އެޅުވުމާއި ހަރަދު ކުޑަކުރުމަށް މަރުކަޒީ ބޭންކާއި މީރާގެ އިތުރުން މާލީ ވުޒާރާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ހާމަކުރެއްވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ކޭޝްފްލޯ ބެލެހެއްޓުމުގައި އަޅުއްވަމުންގެންދަވާ ބައެއް ފިޔަވަޅުތައްވެސް މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މި ހަނގުރާމައާއި ގުޅިގެން ހަރަދު ކުޑަކުރުމަށް އެކި ގައުމުތަކުން އެކިއެކި ފިޔަވަޅުތައް އަޅަމުންދާ ހަބަރުތައް ލިބުނު ނަމަވެސް އެ ގައުމުތަކުން އަޅަމުންގެންދާ ފިޔަވަޅުތަކަކީ ކޮންމެ ގައުމެއްގެވެސް ހާލަތަށް ރިއާޔަތްކުރެވޭ ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
އަދި ދިވެހިރާއްޖެއިން ސީދާ ފިޔަވަޅުތަކެއްގެ ގޮތުގައި ކަންތައްތަކެއް، އިޢުލާނެއްގެ ސިފައިގައި އާންމު ނުކުރާ ސަބަބު ބަޔާންކުރެއްވިއެވެ.
އެގޮތުން މިފަދަ ގޮތަކަށް ސީދާ ފިޔަވަޅުތަކެއް އިޢުލާނުކޮށްފިނަމަ އަންނާނެ އިތުރު ނޭދެވޭ އަސަރުތަކަށް ވިސްނަވައި ރައީސް އިރުޝާދާއި އެއްގޮތަށް މިވަގުތައް ނިންމާފައިވަނީ ހަރަދު ކުޑަކޮށްގެން މިހާރު ލިބޭ ކޭޝްފްލޯ ބަލަހައްޓައިގެން މަސައްކަތް ކުރުން ކަމުގައި ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ކޮންމެ އާދިއްތަ ދުވަހެއްގެ ހަވީރު 4:00 ގައި ވަޒީރުންގެ ހާއްސަ ކޮމިޓީއިން ދެއްވާނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސް ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލެއްވީ 28 ފެބުރުވަރީ 2026 ގައެވެ.
މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގްސަދުގައި، 9 ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ކޮމިޓީއެކެވެ.

