ސަރުކާރުގެ ހާއްސަ ސްކީމްގެ ތެރެއިން ބޯހިޔާވަހިކަން ލިބިއްޖެނަމަ އަމިއްލަ ނަމުގައި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮވެއްޖެނަމަ ދައުލަތަށް ދޫކޮށްލަން ޖެހޭ ގޮތަށް އޮންނަ އުސޫލު ބަދަލުކޮށް، އެ ބިންކޮޅު އާއިލާ މީހަކަށް ދެވޭ ގޮތަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން އެޕްލިކޭޝަން ހުށަހަޅަން ފުރުސަތު ދެވިފައިވާ ކަމަށާއި، އެކަން އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާއިރު، ދޫކޮށްލަން ޖެހޭ ބިންކޮޅާއި ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތު މިއަދު ނޫނީ މާދަމާ ގެޒެޓް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު އޮންނަނީ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮވެއްޖެނަމަ ދައުލަތަށް ދޫކޮށްލަން ޖެހޭ ގޮތަށް، ނޫނީ ސަރުކާރަށް ދޫކޮށްލަން ޖެހޭ ގޮތަށް ކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެ އުސޫލު ބަދަލުކޮށް އެމީހާގެ އަނބިމީހާ، ފިރިމީހާ ، ދަރިން  ނުވަތަ އެއްބަނޑުއެއްބަފާ ފަރާތްތަކުގެ ތެރެއިން އެ މީހަކު ބޭނުން މީހަކަށް އެ ބިން ކޮޅު ދޫކޮށްލެވޭ ގޮތަށް އެ އެސޫލު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ މި ބަދަލާއެކު އެއިން ކޮންމެ މީހަކަށްވެސް ބިންކޮޅު ދެވޭނެކަމާށާއި، އެގޮތުން ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ތެރެއިން، ބިންކޮޅު ދޫކޮށްލަން ޖެހޭ ފަރާތްތަކަށްވެސް އަދި މިދިޔަ ސަރުކާރުން ފަށައި، މި ސަރުކާރުން ކުރިއަށްގެންދިޔަ ފްލެޓް ސްކީމްގެ ތެރެއިންވެސް ފްލެޓްތަކާއެކު ދޫކޮށްލަން ޖެހޭ ބިންކޮޅުވެސް އާއިލާ މެންބަރަކަށް ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.

ސަރުކާރަން ބިން ދޭންޖެހޭނީ ސަރުކާރުން ދީފައިވާ ފުލެޓެއް ދޫކޮށްލާފައި ދާންޖެހޭ ހާލަތުގައި އެކަނި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.