”ޕާކިސްތާނު ޑޭ“ ގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށާއި، އެޤައުމުގެ އުޚުއްވަތްތެރި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ރައީސް އަލީ ޒަރްދާރީއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ދެ ގައުމާއި ސަރަޙައްދުގެ ތަރައްގީއަށް އިސްކަންދެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް، ދެ ގައުމުގެ ދެމެދުގައްޔާއި، ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް ވަނީ، ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދުގައި އޮންނަ އުހުއްވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި 1966 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމު ކުރެވުނީއްސުރެ، ދެ ގައުމުގެ ދެމެދުގައި ވަރަށް ގާތްގުޅުމެއް އުފެދިފައިވާ ކަމަށާއި، ދެ ގައުމަށްވެސް ފައިދާކުރަނިވި ކަންކަމުގައި ބިނާކުރަނިވި ގޮތެއްގައި ބައިވެރިވެ، ދެމެހެއްޓެނިވި ގޮތެއްގައި މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމުގައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގުޅުމާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން މުހިއްމު ހިއްސާއެއް އަދާކުރާކަން ފާހަގަ ކުރައްވާފައި ވެއެވެ.

ރައީސްގެ ސިޓީފުޅުގައި، ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޒަމާންވީ ގާތްގުޅުން ބިނާވެގެންވަނީ، އިސްލާމީ އަގީދާއާއި، އަދި ދެ ގައުމުންވެސް، ތަރައްގީއާ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތަށް ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ ސިޓީފުޅުގައި، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތަކާއި އުފާވެރިކަމަށާ، އެ ގައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ކޮންމެ އަހަރަކުވެސް މާރިޗު މަހުގެ 23ވަނަ ދުވަސް، ”ޕާކިސްތާނު ޑޭ“ގެ ގޮތުގައި ފާހަގަ ކުރަނީ 1940 ވަނަ އަހަރުގެ ލާހޯރު ރިޒޮލިއުޝަނާ ގުޅުވައިގެންނެވެ.