އަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އެ އާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސް ވަނީ، އެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައިކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން،  އަބްދުއްޝަކޫރު އަބްދުﷲ އަކީ، ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއު ކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު، ހަރުދަނާ ދިވެހި ދަރިއެއްކަން، އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެ މަރްޙޫމަކީ، މުޅި ހަޔާތްޕުޅުގައިވެސް ގައުމު އިސްކުރެއްވި އިހުލާސްތެރިއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

އަބްދުއްޝަކޫރު ގައުމީ ހިދުމަތުގެ ދިގު ތާރީހުގައި، ސިފައިންގެ ހިދުމަތުގައި 39 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދެވުމާއެކު، ރިޓަޔަރ ކުރެއްވުމާ ހަމައަށް ހުންނެވީ ދިވެހި ފުލުހުންގެ ހިދުމަތުގައެވެ.

2024 ވަނަ އަހަރު މަރުޙޫމް އަބްދުއްޝަކޫރަށް ވަނީ، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ރައީސް ތައުޒިޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ އެމަނިކުފާނަށް، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުުމަތުގައި ލެހެއްޓެވުން އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.