މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް 10 ބިލިޔަން ރުފިޔާ ހޭދަ ކުރެވުނު ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިން އެއްގައި، ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ނިމުނު އަހަރު 10 ބިލިޔަން ރުފިޔާ ތެޔޮ އެތެރެކުރުމަށް ހަރަދުކުރި ކަމަށާއި، އެއީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ %10 ކަމަށެވެ.

އަދި މި ފައިސާއަކީ ބޭރު ފައިސާއަށް ބަދަލުކުރުމަށްފަހު ރާއްޖެއިން ބޭރުގައި ހަރަދުކުރެވުނު ފައިސާކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ އެކަން ބަދަލުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޯޓުގެ އިންޖީނު ބެހެއްޓި ބޭނުންކުރަމުންދާއިރު، ރިސޯޓުތަކުގައި 298 މެގަވޯޓު އަދި ސިނާއީ ރަށްރަށުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޒައާމަތުގައި ހަކަތައިގެ ސިޔާސަތުގެ ސްޓްރެޓެޖީތައް ކަނޑައަޅައި އާއްމު ކުރެވިފައިވާއިރު، ހަކަތައިގެ މަގުޗާޓުުވަނީ އިއުލާނުކުރެވިފައިކަން ވެސް ތޯރިގު ފާހަގަކުރެއްވިއެވެ.

ހަކަތައިގެ ދާއިރާގެ މަސައްކަތް ކުރިއަށްދަނީ، މި ދެ ޑޮކިއުމަންޓަށް ބަލައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.