ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ތިން ވަނަ ސެގްމަންޓްގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެކަމާއި ގުޅިގެން އެމްޓީސީސީން މިއަދު ބުނެފައިވަނީ މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީ (ސެގްމަންޓް 2 އިން ސެގްމަންޓް 5) ގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލާއި މަސްވެރިން ޕާކާއި ދެމެދު އޮންނަ ޖެޓީ ސަރަހައްދުގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށްގެންދާ ކަމަށެވެ.

އަދި  އެ މަސައްކަތް ނިންމައި ހުޅުވެންދެން މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަންބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ބަންދުވާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

އަދި މި މަހުގެ 30 އިން ފެށިގެން މަސައްކަތް ނިންމައި ސަރަހައްދު ހުޅުވެންދެން ފަސް ނަންބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު ވެސް ބަންދު ވާނެ ކަމަށާއި، މީގެ އިތުރުން އަންނަ މަހުގެ 17 އިން ފެށިގެން މަސައްކަތް ނިންމައި ސަރަހައްދު ހުޅުވެންދެން ބަންދު ވާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

އެ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ފުރަތަމަ ސެންގަމްޓުގެ ދަށުން ރަސްމީ ފާލަމުން ފެށިގން މަސްމާރުކޭޓާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި މަގު ހަތަރު ލޭނަށް ފުޅާކޮށް، ވަނީ ތާރު އަޅައިފައެވެ.

އަދި ދެވަނަ ސެގްމަންޓްގެ ދަށުން މަސް މާރުކޭޓު ސަރަހައްދުން މަގުން ފެށިގެން ނޯތު ހާބަރާ ހަމައަށް ވެސް ވަނީ މަގު ހަދައިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި މި މަސައްކަތްތުގެ އަގަކީ 144.5 މިލިއަން ރުފިޔާއެވެ.