އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އަބަދު ވެސް އިންތިހާބުތަކަށް ޖެހިލުންވާ ޕާޓީއެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ސަރުކާރު ހިންގާ ޕީއެންސީން ކުރިއަށް ގެންދިޔަ ”ދޮރުން ދޮރަށް“ ހަރަކާތުގެ ތެރެއިން ”އެމްއެމް ޓީވީ“ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ އެމްޑީޕީން ދެކޮޅު ހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދުވެސް ތާއިދުކުރެއްވި ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ވެރިކަމުގައި މިއަދު ނެތުމުން ސިޔާސީ ބޭނުމަކަށް އެކަމާ ދެކޮޅުވަނީ ކަމަށެވެ.

”އެމްޑީޕީއަކީ އަބަދުވެސް އިންތިހާބުތަކަށް ޖެހިލުންވާ ބައެއް. އިންތިހާބުތަކުން ނާކާމިޔާބުވާތީހެން އަޅުގަނޑަށް ހީވަނީ،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ސަލާމަތްވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމް ކުރުމަށް މަގުފަހިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.