މި ހޫނު މޫސުމުގައި ހަމުގެ ހިކިކަމުން ސަލާމަތްވެ، ހަމަށް ތާޒާކަން ގެނެސްދިނުމަށްޓަކައި ގުދުރަތީ ބާވަތްތައް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު ހަންގަނޑު ހިކި، ކުރަކިވެ، ރަތްވުމާއި ކަހާގޮތްވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. މިފަދަ މައްސަލަތަކުން ދުރުވުމަށްޓަކައި ހަމަށް ބޭނުންވާ ތާޒާކަމާއި ތެތްކަން ފޯރުކޮށްދޭން ޖެހެއެވެ.

ހިކި ހަމަށް ފަރުވާކުރުމަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ބައެއް ފައިދާހުރި ފަރުވާތައް ތިރީގައި މިވަނީއެވެ:

ކިއުކަމްބާ

ކިއުކަމްބާއަކީ ހަމަށް ފިނިކަންދީ، ހަމުގެ ވަރުބަލިކަން ފިލުވައިދޭ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ.

  • ތައްޔާރުކުރާނެ ގޮތް: ދެބައިކުޅަ އެއްބައި ކިއުކަމްބާ ގާނާލުމަށްފަހު، އޭގެ ތެރެއަށް ސައިސަމުސަލެއްގެ ހަކުރު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. މި މިކްސްޗަރު ކުޑަވަގުތުކޮޅަކަށް ފްރިޖަށްލާ ފިނިކޮށްލުމަށްފަހު، މޫނުގައި އުނގުޅައި 10 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ފެނުން ދޮވެލައި، ހަންގަނޑު ހިއްކުމަށްފަހު މޮއިސްޗަރައިޒާ އެއް ބޭނުންކުރާށެވެ.

ކަރާ
ކަރާ ގިނަ އަދަދަކަށް ފެން އެކުލެވޭ އެއްޗަކަށްވުމުން، ހަމުގެ ތެތްކަން ދަމަހައްޓައިދިނުމަށް އެހީތެރިވެދެއެވެ.

  • ތައްޔާރުކުރާނެ ގޮތް: 2 ސަމްސާ ކަރާ ޖޫސް، 2 ސަމުސާ ކިއުކަމްބާ ޖޫސް، 1 ސަމުސާ މިލްކް ޕައުޑަރ އަދި 1 ސަމުސާ ޔޯގަޓް އެއްކޮށްލާށެވެ. މި ބާވަތްތައް ރަނގަޅަށް އެއްކޮށްލުމަށްފަހު މޫނާއި ކަރުގައި އުނގުޅާށެވެ. 15 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

އަވަކާޑޯ
އަވަކާޑޯއަކީ ހަމުގެ ތެތްކަން ހިފަހައްޓައިދީ، ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާތަކުން މުއްސަނދި މޭވާއެކެވެ.

  • ތައްޔާރުކުރާނެ ގޮތް: ދެބައިކުޅަ އެއްބައި ދޮން އެވަކާޑޯއާއި، ހަތަރުބައިކުޅަ އެއްބައި ޖޯޑު މާމުއި އެއްކޮށްލާށެވެ. މި މިކްސްޗަރު ރަނގަޅަށް އޮމާންވަންދެން އެއްކުރުމަށްފަހު ހަމުގައި އުނގުޅައި 10 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ތެތް ފޮތިކޮޅަކުން ފުހެލާށެވެ.

ޔޯގަޓް
ޔޯގަޓަކީ ހިކި ހަމަށް ވަރަށް ބޮޑު ލުޔެއް ލިބިދޭ، ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. މީގައި ހުންނަ މޮއިސްޗަރައިޒިން މާއްދާތަކުގެ ސަބަބުން ހަންގަނޑު މަޑުކޮށްދެއެވެ.

  • ތައްޔާރުކުރާނެ ގޮތް: ކުޑަ ޔޯގަޓްކޮޅަކާއި ފިނިފެން (ރޯސް ވޯޓަރ) އެއްކޮށްލާށެވެ. މި މިކްސްޗަރު މޫނުގައި އުނގުޅުމަށްފަހު 30 މިނެޓު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ރަނގަޅަށް ދޮވެލާށެވެ.