ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް، އެކި ކުޅިވަރުތައް ކުޅެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި ކުޅިވަރު އެކުވެނި ރަސްމީކޮށް ހުޅުވައިފިއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި އަލަށް ހުޅުވި މި އެކުވެނީގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި ބަށި ކޯޓެއް، ވޮލީ ކޯޓެއް، ބާސްކެޓް ކޯޓެއްގެ އިތުރުން ހޭންޑްބޯލް އަދި ނެޓްބޯލް ކުޅުމަށް ހާއްސަ ކޯޓުތައް ހިމެނެއެވެ. އަދި މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ކޯޓު ނުވަތަ ދަނޑު ހޯދުމުގައި ކުރިމަތިވަމުންދިޔަ ދަތިތަކަށް ލިބިގެންދާނެ ބޮޑު ހައްލެއްކަމަށާއި، މިހާރު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައިވާ މި އެކުވެނީގެ މައިގަނޑު މަގްސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުން ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އަދި ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.