ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބުމުގެ ބަދަލުގައި ހުރިހާ ޕާޓީއަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަންގު ޓީވީން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޒުވާނުންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދެ ޕާޓީ ކަމަށާއި ދެ ޕާޓީގެ ޕަސަންޓޭޖު ބެހިފައި ހުންނަނީ ގާތްގަނޑަކަށް އެއްވަރަކަށް ކަން ފާހަގަކުރައްވައި، ރައީސް ވަނީ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާތަކުގެ ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވައިފައެވެ.
”އެހެންވީމާ އެއް ދުވަހެއްގައި ވޯޓުލަންޏާ މަޖިލީހަށް ވެސް އަންނާނީ ގާތްގަނޑަކަށް ދެ ޕާޓީއަކަށް ނޫނީ ދެތިން ޕާޓީއެއްގެ ތެރޭ ބެހިގެން އެއްވަރަކަށް ނޫނިއްޔާ އީކުއަލް ރިޕްރެޒެންޓޭޝަނެކޭ. އެހެންވީމާ އެ ޗާންސަސް މި ލިބެނީ ދެ އިންތިހާބު އެއް ދުވަހެއްގައި އޮވެގެން. 2008 ގައި އެމްޑީޕީއަށް ލިބުނީ 54 ޕަސަންޓު، ޑީއާރުޕީއަށް 46 ޕަސަންޓު. 2013 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް 53 ޕަސަންޓު، އެމްޑީޕީއަށް 48 ޕަސަންޓު.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދެ ޕާޓީގެ މެދުގައި ބެހިގެންދާ ޕަސަންޓޭޖު އުޅެނީ 60، 40 ރޭންޖުގައި ކަމަށެވެ.
އެހެންވެ، މަޖިލިސް މެންބަރުން އައުމުގެ ޕަސަންޓޭޖަކީ 40 ޕަސަންޓު، 60 ޕަސަންޓު ކަމަށާއި، އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމުން އެއްވެސް ޕާޓީއަކަށް 75 ޕަސަންޓު، 80 ޕަސަންޓު ހޯދުމުގެ ފުރުސަތު ހަނިވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއީ ފެންނާން ހުރި ހަގީގަތްތައް ކަމަށާއި އެހެންވީމާ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ހިޔާރުކުރަންޏާ، ގައުމު ދެކެ ލޯބިވަންޏާ، އެއްވެސް ވަރަކަށް އަމިއްލަ އެދުން އިސްނުކޮށް ގެންނަންވާނީ އެންމެ ރަނގަޅު އިސްލާހުތައް ކަމަށެވެ.

