ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ސަބަބުން، ދުސްތޫރުގެ ”ބޭސިކް ސްޓްރަކްޗާ“ ނުވަތަ އަސާސީ އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް
ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޤާނޫނީ ގޮތުން ރައްޔިތުން ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ބާ ކައުންސިލުން މިއަދު ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން  އާޒިމާ ވިދާޅުވީ މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ބަލާއިރު، ”ބޭސިކް ސްޓްރަކްޗާ ޑޮކްޓްރިން“ އަކީ އަދި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް ވަދެފައިވާ އެއްޗެއް ނޫން ކަމަށާއި މިއީ އާންމުކޮށް ސުޕްރީމް ކޯޓުގެ ހުކުމަކުން ކަނޑައެޅޭ އެއްޗަކަށް ވާއިރު، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތްގޮތުން ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ފުޅާ ބާރުތަކެއް ލިބިގެންވާކަމަށް އާޒިމާ ވިދާޅުވިއެވެ.

މި މައުޟޫއަކީ އިލްމީ ބަހުސެއްގެ ގޮތުގައި ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވަނީ، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ބިނާވެފައިވަނީ ރައްޔިތުންގެ ސީދާ ރެފްރެންޑަމަކުން ނިންމާފައިވާ ރިޔާސީ ނިޒާމެއްގެ މައްޗަށް ކަމަށާއި އެހެންކަމުން، ރައްޔިތުންގެ ނިންމުމެއް ބަދަލުކުރުމުގެ ބާރު މަޖިލީހަށް އޮތުމާ މެދު ސުވާލު އުފެދުނު ނަމަވެސް، މިހާރު ހުށަހެޅިފައިވާ އިސްލާހަކީ ނިޒާމީ ބަދަލެއް ނޫން ކަމަށެވެ.

”ހަމަ ކަނޑައެޅިގެން ރައްޔިތުންގެ ރެފްރެންޑަމަކުން ބިނާކުރި އެއްޗެއް ރިޔާސީ ނިޒާމަކީ. އެހެންވީމަ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑަކަށް ފާސަނަލީ ގަބޫލެއްނުކުރެވޭ ރައްޔިތުންގެ ރެފްރެންޑަމުން ބުނި އެއްޗެއް ބަދަލުކުރެވިދާނެއޭ. އެކަމަކު  އެއީ އެކަޑަމިކް އާގުމެންޓް އެކޭ. އެއީ ރައްޔިތުންގެ މަޖިލީހުންނާއި ކުރިއަށް ހުރި އިސްލާހުތަކުންނާއި ސުޕްރީމް ކޯޓުގެ ހުކުމްތަކުން އަންނަންޖެހޭ އެއްޗެއްކޭ  އަަދި އެކަމަކު މިއަދު މިހިސާބަށް އައިސްފައި ނެތޭ. “ އާޒިމާ ވިދާޅުވިއެވެ.

އިންތިޚާބުތައް އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުރަސްއެޅޭނެ ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ، މަޖިލީހުން ސަރުކާރު ޖަވާބުދާރީ ނުކުރެވެނީ އިންތިޚާބު ބާއްވާ ތާރީޚުގެ ސަބަބުން ނޫން ކަމަށެވެ.

އޭގެ ބަދަލުގައި، އެއީ މަޖިލިސް އެކުލަވާލެވިފައިވާ ގޮތާއި، އިންތިޚާބުތަކުން އަންނަ ”އެކްސްޓްރާ ސުޕަރ މެޖޯރިޓީ“ގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު، އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުގައި ޕާލިމަންޓަރީ ސޮވްރެންޓީ ނުވަތަ މަޖިލީހުގެ އެންމެ މަތީ ބާރު އޮތް ނަމަވެސް، ރާއްޖެއަކީ ލިޔެފައިވާ ގާނޫނުއަސާސީއެއް އޮތް ރިޔާސީ ނިޒާމެއްކަމަށާއި ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރުގެ މަސައްކަތްތަކަށް ފާރަވެރިވުން ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ މި އިސްލާހުގެ ސަބަބުން މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ އަސާސީ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާތީ، މިއީ ގާނޫނުއަސާސީގެ ”ބޭސިކް ސްޓްރަކްޗާ“ އަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށެވެ.