މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއަރލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވާކަން، އެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީއިން ހާމަކުރައްވައިފިއެވެ.

އެ ކޮމިޓީއިން އެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ، މިއަދު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ އެއަރލައިން އޮޕަރޭޓްކުރާ ކޮރިޑޯތަކުގައި، އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީއިން މިހާރު، ދުވާލަކު ދެ ފްލައިޓް އޮޕަރޭޓްކުރަން ފަށާފައިވާކަމަށެވެ.

އަދި ކުރިއަށްއޮތް އެޕްރީލް މަހުން ފެށިގެން، ޤަތަރު އެއަރވޭޒް އިން ދުވާލަކު އެއް ފްލައިޓް އޮޕަރޭޓްކުރުމަށް ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަނގުރާމަ ފެށުނު އިރާ އަޅައިބަލާއިރު، މިހާރު އެއަރލައިންތަކުގެ ބުކްލޯޑުވެސް އިތުރުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރި އާއި އެ ނޫންވެސް ބޭނުންތަކުގައި ދަތުރުފަތުރުގެ އާ ރޫޓްތައް ޤާއިމުކުރަން ޖެހޭ ހާލަތްތައް ދެނެގަނެ، އެކަން ފަހިކުރުމަށްވެސް މަސައްކަތްކުރައްވާކަން ކޮމިޓީން ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅުންހުރި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ތާރިގު އިބްރާހީމް ވަނީ، އެޕްރީލް މަހުގެ ފުރަތަމަ ދުވަހު، ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަންގެ ހިދުމަތް ފޯރުކޮށްދޭން ފަށާނޭކަން އިއުލާންކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ޓެކް ރެކް ޑައިވިންގ، އެޕްރީލް މަސް ނިމުމުގެ ކުރިން ތަޢާރަފުކުރުމަށާއި، ސްޕިއަރ ފިޝިން ތައާރަފުކުރުމަށް ތައްޔާރީތައް ވަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ސިނާއަތުގައި ހަރަކާތްތެރިވާ މަންދޫބުންނާ މަޝްވަރާކުރައްވައި، ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުހައްމަދު ސައީދު ވަނީ، ކާޑާއި، އަސާސީ މުދަލާއި، ތެލާއި ކައްކާ ގޭސް ގެނައުމުގައި ދަތިކަމެއް މެދުވެރިނުވާނެ ގޮތަށް އިންތިޒާމުތައް ކުރުމަށް ދެއްވާ އަހުމިއްޔަތުގެ މައްޗަށް، ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުންނާއި، އިންޑިއާއާއެކު އޮންނަ ވިޔަފާރީގެ ގުޅުމުގެ ސަބަބުން،

މިފަދަ ދަނޑިވަޅުތަކުގައި ރާއްޖެއަށް ހުރި ފައިދާތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ހަމަނުޖެހުމާ ގުޅިގެން ބައެއް ސިނާޢަތްތަކަށް ދިމާވާ ގޮންޖެހުންތައް ގާތުން ބައްލަވަމުންގެންދަވާކަމަށް ވިދާޅުވެ، ހާއްސަކޮށް އިމާރާތްކުރުމަށް ދިމާވާ ގޮންޖެހުންތައް ބައްލަވައި، މަސީއާއެކު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވަޒީރުންގެ ހާއްސަ ކޮމިޓީން ވަނީ، މި ދަނޑިވަޅުގައި، ހާރިޖީ، ދިފާއީ، އަދި އިގްތިސާދީ، ހައްސާސް މައުލޫމާތު ހާމަކުރުމާއި ފެތުރުމުގައި ފަރުވާތެރިވުމަށްވެސް ނޫސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.