އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުގައި ޕީއެންސީން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ބޮޑު ތާއީދެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ޕާޓީތަކުންވެސް އިންތިހާބުގެ ޕްރެޑިކްޝަން ހަދާނެ ކަމަށާއި، އެގޮތުން ޕީއެންސީން ވެސް  އެކަން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރައްޔިތުންނާއި ބައްދަލުކޮށްގެންނާއި ފޯނުން ގުޅެއި އަދި އެކި ގޮތްގޮތުން ރައްޔިތުންގެ ހިޔާލު ހުރިގޮތް ބަލަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބުވާނެ ވަކި ޕަސެންޓެއް ނުދަންނަވާނެ ކަމަށާއި، ނަމަވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިފަހަރުގެ އިންތިހާބުގައި ރައްޔިތުންގެ ތާއީދު ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.

“ ދެން މިވެނި ރަށެއް މިވެނި ގޮތަކަށް މިވެނި ރަށެއް މިވެނި ގޮތަކަށް ލިބޭނެ ކަމަށް. ނުވަތަ ރައްޔިތުުން ވޯޓް ދެއްވާނެ ކަމަށް ޕްރެޑިކްޓް ކުރާކަށް މިތާ ދަންނަވާކަން ނެތިން“ ރައީސް ވިދާޅުވިއެވެ.

އަދި ޕީއެންސީގެ ފަރާތުން ކުރިމަތި ލައްވާފަ ތިބި ކެންޑިޑޭޓުން ހޮވުމުގައި ވަރަށް ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ހުށަހަޅަނީ ވަރަށް ޒިންމާދާރުކަމާއެކު އިހުލާސްތެރި، ހަލުވި މަސައްކަތްތަކެއް ކޮށްދިނުމުގެ ހުށަހެޅުމެއް ކަމަށެވެ.

އަދި ޕީއެންސީގެ ޓިކެޓުގައި ކައުންސިލްތަކަށާއި، މޭޔަރުކަމަށް އަދި ރަށު ކައުންސިލްތަކުގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ އެ ފަރާތްތަށް އިންތިހާބު ވެއްޖެނަމަ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް 100 އިންސައްތަ އެއްބާރުލުން ދޭނެ ބޭފުޅުންކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސް ވިދާޅުވީ އެއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުންގެ ފަޅީގައި ތިބެ، ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާނެ ބައެއް ކަމަށާއި، ރަށް އިސްކޮށް، ރައްޔިތުންގެ ހައްގުގައި އެފަރާތް ތަކުން މަސައްކަތެއް ކުރާނެކަމަށް ރައީސް ވަނީ ވިދާޅުވި އެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުން މުހިންމުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.