ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ އިސްލާހު މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު އޮންނަ އުސޫލަށް ބަލާއިރު މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ދައުރުގެ ތެރޭގައި ވަކިކުރެވޭނެ ސީދާ އުސޫލެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ކައުންސިލް މެންބަރެއް ނަމަ، އެލްޖީއޭއިން ފިޔަވަޅު އަޅާ ކަމަށެވެ.
ނަމަވެސް އެފަދަ މެމްބަރުން ވަކިކުރުމަކީ އެއްވެސް ގޮތަކަށް އޮންނަ ކަމެއް ނޫންކަމަށާއި، ނަމަވެސް ސްޕްރީމް ކޯޓުން ހުކުމެއް ކޮށްގެން މެންބަރެއްގެ ގޮނޑިގެއްލިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ދުނިޔޭގެ ޑިމޮކްރަޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާނީ ރައްޔިތުން ކަމަށާއި އެއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ޕްރެކްޓިސް ކުރަމުން އަންނަ ނިޒާމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކާމިޔާބު ކަމާއި އެކު އެކަން ތަންފީޒުކޮށްފަހުރި ގައުމު ތަކުގައި އެކަން ކޮށްފައި ހުރި ގޮތް ބަލާ އެކަމާއި ގުޅޭ ފަންނީ ދިރާސާތައް ކުރަމުން އަންނަ ކަމުން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

”މިސާލަކަށް ދައިރާގެ ކިތައް އިންސައްތަ ސޮއި ލިބިގެންތޯ މައްސަލަ ހުށެހެޅޭނީ، އެ ހުށަހަޅާ ހިސާބުން ފެށިގެން މަޖިލީހުގެ ކިތައް އިންސައްތައަކުންތޯ އެ ފާސްކުރެވޭނީ. އެ މަޖިލީހުގައި ކިތައް މެންބަރުން ތިބެގެން ނެގޭނެ ވޯޓެއްތޯ، މުޅި މަޖިލީހުގެ އަޢުލަބީއްޔަތު އޮންނަން ޖެހޭތޯ. މިއީ މި ޑިސްކަޝަން ތެރޭ ދާންޖެހޭނެ ކަންކަން. އަދި ކޮންކަހަލަ ހާލަތްތަކުގައިތޯ އެކަން ކުރެވޭނެ. “ ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ މިފަދަ އިސްލާހެއް ގެނައުމުގެ ކުރިން މިކަން ކުރެވޭނެ ހަރުދަނާ އުސޫލްތަކެއް ގާނޫނުގައި  ބަޔާންކުރެވެންޖެހޭނެ ކަމަށާއި އޭގެ ތެރޭގައި، އެ ވޯޓް ނެގޭނެ އުސޫލަކާއި ރައްޔިތުން އެފަދަ ކަމަކަށް ހުށަހަޅާނެ  ބަޔާންކުރަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ވޯޓު ނެގޭނެ އުސޫލާއި، ރައްޔިތުން އެފަދަ ކަމަކަށް ހުށަހަޅާނެ ގޮތްތަކެއް ބަޔާންވެފައިން އޮންނަން ޖެހޭނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އަދި  މި އިސްލާހު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކަރުމުން އަންނަ ކަމަށާއި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުގެ ތެރޭގައި މި އިސްލާހު މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.