މާލެ އާއި ރަސްމާލޭގެ ދޭތެރޭ ކަނޑު އަޑީގެ ޓަނަލް މަޝްރޫއުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިވަގުތު އެންމެ ބޮޑޫ އިސްކަމެއް ދެނީ ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ކަމަށާއި، ރަސްމާލެ ހިއްކުމަށް ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު ހިމެނޭހެން ޖުމްލަ ތިން ޑްރެޖަރު އެ ސަރަހައްދުގައި ފުލް ޓައިމްކޮށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި ސަރުކާރުގެ އަމާޒަކީ އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިންނާލުން ކަމަށެވެ. އަދި ރަސްމާލޭގެ ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރު ގޯތި ދޫކުރަން ބޭނުންވަނީ ހިއްކާފައިވާ ބިމަކުން ކަމަށްވާތީ އެމަސައްކަތް އަވަސްކުރަން ބޭނުންވާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަދި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތާއިއެކު އެތަނުގެ ލޭންޑް ޔޫސް ފްލޭނާއި އެހެނިހެން އިންފްރާސްޓްރަކްޗާތައް ތަރައްގީކުރުމަށް ވެސް ސަރުކާރުން އިސްކަމެއްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ރަސްމާލެ ޓަނަލްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށައި އެގޮތުން މި ވަގުތު އެ މަސައްކަތް އޮތީ އިނީޝިއަލް ސްޓޭޖްގައި ކަމަށެވެ. އަދި އެކަމާއި ގުޅޭ ފަންނީ ދިރާސާތައް ކުރަމުން އަންކަން ރައީސްވަނީ ފާހަކުރައްވާފައެވެ.

