މިހާރު އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭ ދާއިރާ ފުޅާކުރައްވައި، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިތުރު ހާލަތްތަކުގައި އާސަންދަ މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަދު، ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ އާސަންދަ ސްކީމް މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދާ އުސޫލަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ.

އަންނަ މަހުން ފެށިގެން އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ކަނޑައަޅުއްވާފައިވާ އުސޫލުގެ ތެރޭގައި އިތުރަށް ހިމަނުއްވާފައިވާ ހާލަތްތަކުގެ ތެރޭގައި، އެނދުމަތިކުރެވިފައިވާ ( ބެޑްރިޑެން ) ފަރާތްތައް، އައުޓް ޕޭޝަންޓްގެ ހިދުމަތަށް ގެނެވޭ ހާލަތްތަކާއި، ވީލްޗެއަރގައި ގެންގުޅެންޖެހޭ ފަރާތްތައް ( ވީލްޗެއަރ ބައުންޑް ) އައުޓް ޕޭޝަންޓް ހިދުމަތަށް ގެނެވޭ ހާލަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ( ފިޒިކަލް ޑިސްއެބިލިޓީ، މެންޓަލް ޑިސްއެބިލިޓީ، އޯޓިޒަމް އަދި ޑައުންސިންޑްރަމް ހުންނަ ފަރާތްތައްވެސް ހިމެނޭހެން ) އައުޓް ޕޭޝަންޓް ހިދުމަތަށް ގެނެވޭ ހާލަތްތަކާއި، ސިއްހީ މަރުކަޒުގައި އެނދުމަތިކުރެވިފައިވާ ފަރާތެއް އިތުރު ފަރުވާއަކަށް ނުވަތަ ތަހުލީލަކަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ ހާލަތްތަކާއި، އިވެކުއޭޓް ކުރެވޭ ހާލަތްތަކުގައި ނުވަތަ ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފަރ ކުރެވޭ ހާލަތްތަކުގައި ބަލިމީހާ ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމުގެ އިތުރުން ތެލެސީމިއާ ބަލި ތަހައްމަލް ކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތަށް ގެނެވޭ ހާލަތްތައް ހިމެނެއެވެ.

ހަމަމިއާއި އެކު މިހާރުވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދެމުންދާ އިމަޖެންސީ ނުވަތަ ކުއްލި ހާލަތުގައި މީހުން ގެނައުމަށާއި، މައްޔިތުން އެމްބިއުލާންސްގައި އުފުލުމަށް އާސަންދައިގެ ހިދުމަތް ލިބޭނެއެވެ.

ރައީސް ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވާ މިކަމަށް ލުއިތަކެއް ބޭނުންވެފައިވާ ހިދުމަތެއް ކަމަށްވާތީ، މިއީ ކަމާއިގުޅުންހުރި ދާއިރާތަކާއިއެކު މަޝްވަރާކުރައްވައި، ފަންނީ ގޮތުންނާއި މާލީ ގޮތުން މިކަން ކުރިއަށްގެންދެވޭނެގޮތެއް ބައްލަވައި ހިސާބުތައް ބެއްލެވުމަށް ފަހު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.