”ބޯހިޔާވަހިކަން އެންމެންނަށް“ ހައުސިން ސްކީމުގެ ދަށުން އެންމެ ނިކަމަތި ހާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ދިނުމުގައި އިސްކަން ދިނުމުގެ ގޮތުން އެެފަދަ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ 1،190 ފުލެޓުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމަކީ އިންސާނިއްޔަތަށްޓަކައި ކޮށްދޭން ޖެހިފައިވާ ކަމެއް ކަމަށެވެ.
މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި، ނިކަމެތި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ އެންމެ ޕްރޮގްރާމަކަށް ނުވަތަ އެންމެ އުސޫލަކަށް ނޫން ކަމަށެވެ.
މާޒީގެ ތަޖުރިބާއަށް ބަލާއިރު، ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ އާއިލާތަކަކީ، ބޯހިޔާވަހިކަމުގެ އާންމު ސްކީމްތަކުން ފްލެޓްތައް ނުލިބޭ ފަރާތްތައް ކަމަށާއި، އެ ފަރާތްތަކަށް ބައެއް ފަހަރު އުސޫލުތައް ނޭނގޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ރަނގަޅު މައުލޫމާތެއް ނުލިބޭ، ބޭނުންވާ އެހީތެރިކަމެއް ނުލިބޭ، ނޫނީ ބޭނުންވާ ލިޔެކިޔުންތަކެއް ހަމައެއް ނުކުރެވޭ. ވަރަށް ގިނަ ފަހަރަށް އެފަދަ ފަރާތްތަކަކީ ބާކީވެގެން ގޮސް، ސިސްޓަމްގެ ހަވާސާއަށް ކޮށްޕާލާފައިވާ ފަރާތްތަކަށްވާތީ ދިރިއުޅުމުގެ ދަތިކަމާ އެއްކޮށް އެފަދަ ޕްރޮގްރާމަކަށް ފޯމުލުންވެސް އޮންނަނީ ނުވާ ވަރުގެ ކަމަކަށް ވެފައި. އެންމެ ނިކަމެތި ފަރާތްތަކަކީ އެންމެ ނުފެންނަ ފަރާތްތައް،“ މުއްތަލިބު ވިދާޅުވިއެވެ.
އެހެންކަމުން ޕްރައިއޯރިޓީ ސޯޝަލް ހައުސިން ރަޖިސްޓާއެއް ހެދުމަކީ، މުހިންމު ކަމެއް ކަމަށާއ، އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ފެށިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އޯގާތެރި ސަރުކާރަކުން ނިކަމެތިންނަށް އެހީއަށް އާދޭސްތައް ހުއްޓުވަން ކެނޑިނޭޅި މަސައްކަތް ކުރާނެ. އޯގާތެރި ސަރުކާރަކުން އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށް ހޯދަން މަސައްކަތް ކުރާނެ. އޯގާތެރި ސަރުކާރަކުން އެ މީހުންނަށް އެހީތެރިކަން ހޯދަައިދޭނެ“. މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

