ސޮވަރިން ޑިވެލޮމަންޓް ފަންޑު (އެސްޑީއެފަށް) މިއަހަރުގެ މިހާތަނަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ނެރުނު ވީކްލީ ފިސްކަލް ޑިވެލެޕްމަންޓް ރިޕޯޓުގައި ވާގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުބް ފެށިގެން މާރޗް 19 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް ޖުމްލަ 425.1 މިލިއަން ރުފިޔާ ދައްކާފައިވެއެވެ.

މިއީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 8.6 އިންސައްތަ އިތުރު އަދަދެއްކަމަށާއި އަދި ފާއިތުވި މި މުއްދަތުގައި ޖަމާކޮށްފައިވަނީ 391.6 މިލިއަން ރުފިޔާކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.

ނަމަވެސް މިއަހަރުގެ މިހާތަނަށް ދަރަނިތައް އަނބުރާ ދެއްކުމަށް 809.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިގްތިސާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. ދެހާސް ސޯޅަ ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ ޖަމާކުރަމުންނެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ދަރަނި ދެއްކުމަށް ބޮޑު އިސްކަމެއް ދޭއިރު ރައީސް އަންނަނީ ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަން ނުޖެހޭނެ ފަދަ ގޮތްތަކެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

އަދި ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރަން ކުރަމުން ދާ މަސައްކަތުގެ ތެރެއިން މިހާރު ރާއްޖޭގެ ގްރޮސް ރިޒާވް ތާރީހުގައި މައްޗަށް ނުދާވަރަށް ގެންދެވިފައިވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.