ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވި ދެމީހުން  ބަންދުން ދޫކުރި ޝަރުތުތަކާއި ހިލާފުވުމުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ރަށު އުމުރުން 35 އަހަރުގެ ދޫޑިގަން، އަހުމަދު ނިއުޝާދު، އަދި ދޫޑިގަން ޒަމާނީވިލާ، އުމުރުން 30 އަހަރުގެ ހަސަން އާޒިމްއެވެ.

މިމައްސަލާގައި އެ ދެމީހުން އަލުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ފުޅާ ދައިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ފުވައްމުލަކު ސިޓީން ދެ މީހަކު ހައްޔަރުކުރީ 2024 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ. މި ދެމީހުން އަލުން ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ  ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާލިބޭ އަހުމަދު ނިއުޝާދާއި، ހަސަން އާޒިމް ޝަރުތުކޮށްފައި ބަންދުން ދޫކޮށްފައިވަނިކޮށް، ކޯޓުން ކަނޑައެޅި ޝަރުތުތަކާ ހިލާފުވެފައިވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން އަލުން ބަންދުކޮށްފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން މި ދެމީހުންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާއިރު އެއީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.

ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ 27 އެޕްރީލް 2024 ދުވަހު ޏ.ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ދިރާސާ ކުރިއިރު އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި ދައުވާތަކާ ގުޅިގެން 1,194,290.31 (އެއްމިލިއަން އެއްލައްކަ

ނުވަދިހަ ހަތަރުހާސް، ދުއިސައްތަ ނުވަދިހަ ރުފިޔާ ތިރީސް ލާރި) ދައުލަތަށް ނަގައިދިނުމަށް ޕީޖީ އޮފީހުން ކޯޓްގައި އެދިފައިވެއެވެ. އަދި މި ފައިސާއަކީ ކުށްކޮށްގެން ހޯދާއިފައިވާ ފައިސާކަމަށް ދައުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް ބަހައްޓާފައިވާ ފައިސާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.