ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭގޮތް އަލުން ހަދައިފިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާއިން ވަނީ އެކަމާ ގުޅޭ އުސޫލަށް ބަދަލު ގެނެސްފައެވެ.
މީގެ ކުރީގެ އުސޫލުގައި އޮތީ އަންނަ އަހަރުން ފެށިގެން ދަރިވަރުންނަށް ކިޔެވޭނީ ހަމައެކަނި ރާއްޖެއަށް އެންމެ ބޭނުންވެފައިވާ 27 ދާއިރާއަކުން ކަމަށެވެ. ނަމަވެސް އިއްޔެ އާންމުކުރި އުސޫލުގައިވާ ގޮތުން މި ސްކޮލަޝިޕްގެ ދަށުން ތައުލީމު ހާސިލުކުރުމަށް ދަރިވަރުންނަށް ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ އިހްތިޔާރު މިހާރު ވަނީ ފަހިކޮށްދީފައެވެ. ނަމަވެސް، ކިޔަވާނެ ގައުމުތައް އިހުތިޔާރުކުރުމުގައި ވަކި ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ.
އަލަށް އާންމުކުރި އުސޫލުގައިވާ ގޮތުން، ބޭރު ގައުމެއްގައި ކިޔަވާ ނަމަ އެއީ ދިވެހިރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ އަދި ދަރިވަރުންނަށް އަމާން ރައްކާތެރި މާހައުލެއް އޮތް ގައުމަކަށް ވާންޖެހޭނެއެވެ. އަދި އެ ތަނަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ބަލައިގަންނަ މަރުކަޒަކަށް ވާންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގެ ދަށުން ދަރިވަރުންނަށް އިތުރު ލުއިތަކެއްވެސް ފަހިކޮށްދީފައިވާއިރު، ދެ ގައުމެއްގައި ކިޔަވާ ގޮތަށް ފަރުމާކޮށްފައި ހުންނަ ”ޓްވިން“ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ހުއްދަ ލިބުމުގެ އިތުރުން، ރާއްޖޭގައި ތިބެގެން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 6،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި އައު ބަދަލުތަކާއެކު، ރައީސްގެ ހާއްސަ ސްކޮލަޝިޕް ހާސިލުކުރާ ދަރިވަރުންނަށް އެކުދިންގެ މުސްތަގުބަލު ބައްޓަންކުރުމުގައި އިތުރު ފުރުސަތުތަކާއި ފަސޭހަތައް ލިބިގެންދާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

