ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1 ގައި ޢިމާރާތްކުރާ 364 ހައުސިންގ ޔުނިޓުގެ ބިންގާ އެޅައި،ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި ރޭ ބޭއްވި  ރަސްމިއްޔާތު ޝަރަފުވެރިކޮށްދެވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.

364 ހައުސިންގ ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ބިންގާ އަޅާފައިވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ އަބްދުالله މުއްތަލިބާއި އަމީން ކޮންސްޓްރަކްޝަން ކޮމެޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންނާއި ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރީންނެވެ.

ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސް ވަނީ ހަނދާނީ ފޮޓޯއެއް ނަގާފައެވެ.

”އެފޯޑަބަލް ހައުސިން“ މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ”ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ“ މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫއެކެވެ. މިއީ ”ލީސް-ޓު-އޯން“ މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ.

ރޭ ފެށި މި މަޝްރޫއާއެކު، މި މަސައްކަތުގެ ތެރޭގައި ހިމެނިގެން ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި އަޅާ ޖުމުލަ 3260 ޔުނިޓްގެ ބިންގާ މިހާރު ވަނީ އަޅާފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ރޭ ވަނީ، މި މަޝްރޫއުގެ ދަށުން އިތުރު 540 ހައުސިންގ ޔުނިޓް އެޅުމަށް ނިންމައި މިކަމަށް ބޭނުންވާ ބިން ހަމަޖެހިފައިވާކަން އިއުލާންކޮށްފައެވެ.

މިއާއެކު ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިންގ އިން ޖުމުލަ 3800 ހައުސިންގ ޔުނިޓް ތަރައްގީކުރާނެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު ނިމުމުގެ ކުރިންނެވެ.