ރައްޔިތުންގެ މެދުގައި މަގުބޫލު ނޫން ނިންމުންތައް ނިންމަވައިގެން ވެސް ބޭނުންފުޅުވަނީ ގައުމަށް ފައިދާކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީން ރޭ ބޭއްވު ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މެދުގައި މަގުބޫލު ނޫން އެތައް ނިންމުމެއް މި ސަރުކާރުން ނިންމަމުން އަންނަ އިރު، އެކަމަކާމެދު ރައްޔިތުން ފުރަތަމަ ސުވާލު އުފެއްދިނަމަވެސް އެކަމެއްގެ ފައިދާތައް އެނގުމުން ރައްޔިތުން ވެސް އެ ނިންމުންތައް ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ.
އެގޮތުން މިސާލު ނަންގަވަމުން ރައީސް ވިދާޅުވީ ވޭޕާއި ދުންފަތުގެ ވަބާއިން ޒުވާން ޖީލު ސަލާމަތްކުރުމަށް މި ސަރުކާރުން ތަންފީޒުކުރި ޖެނެރޭޝަނަލް ބޭން އަށް އަލި އަޅުއްވާލައްވާފައެވެ.
އެގޮތުން އެކަމަށްވެސް ބައެއް ފަރާތްތަކުން ފުރަތަމަ ދެކޮޅުވި ނަމަވެސް، ޒުވާނުންނާއި ޖެންޒީންވެސް ހިމެނޭހެން ގިނަ ބަޔަކު އެކަމަށް ތާއީދުކުރީ އެކަމުގައި ހުރި ފައިދާތައް އެނގޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރުވެސް ގައުމުގެ މަސްލަހަތަށްޓަކައި އެމަނިކުފާނު ކުރައްވަން ފެއްޓެވި ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތްތައް އަލުން ކުރިއަށްގެންދެވުމަށް މޭޔަރުކަމަށް ކުރިމަތިލެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި މޫސާ އަލީ ޖަލީލަކީ ގައުމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވުމަށް ވެސް ތައްޔާރަށް ހުންނެވި ބޭފުޅެއް ކަމަށެވެ.
އަދި ނޮވެންބަރު ތިނެއްގައި މޭ އައްޑަނައަކަށް ދިއްކުރައްވައިގެން އެބޭފުޅާ ވެވަޑައިގެންނެވި ގުރުބާނީގެ ވާހަކަވެސް ހިއްސާކުރަން ޖެހޭ ކަމަށާއި، އަދުގެ ގިނަ ޒުވާނުންނާއި ޖެންޒީންނަށް ވެސް މި މައުލޫމާތު ނޭނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީންވެސް ގިނަ މަސައްކަތްތެއް ކުރެވެން އޮންނަ އިރު، އެ މަސައްކަތްތައް އެދެވޭ ގޮތެއްގައި މީގެ ކުރިން ކޮށްފައިނެތްކަން ފާހަގަކުރައްވާ ރައީސް ވަނީ ކޮންގްރެސް ޕާޓީގެ ފަރާތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާނަށް ވޯޓު ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ވެރިކަމުގައި ކުރިއަށް މިދަނީ ތިންވަނަ އަހަރު ކަމަށާއި، ގައުމަށް ބޭނުންވާ ތަރައްގީއާއި އެމަނިކުފާނުގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން ބޭނުންފުޅުވާ ކަމަށެވެ.
އަދި އެފަދައިން ރައްޔިތުން ވޯޓު ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

