އޯޓިޒަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ މުއްސަނދި ސިންދަފާތުގެ މުހިންމު ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ އޯޓިޒަމް ހޭލުންތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.
މި މުނާސަބަތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވާ ކަމަށެވެ. އަދި ކޮންމެ ފަރުދަކީވެސް އެމީހަކަށް ބޭނުންވާ އެހީތެރިކަމާއި، އިހުތިރާމާއި، އުނގެނުމާއި ކުރިއެރުމުގެ ހަމަހަމަ ފުރުސަތުތައް ލިބި، މުޖުތަމައުގައި ފުރިހަމައަށް ބައިވެރިވުމުގެ ހައްގު ލިބިގެންވާ މީހެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ގޭބިސީތަކާއި، ސުކޫލުތަކާއި، މަސައްކަތުގެ މާހައުލުތަކުގެ އިތުރުން އާންމު ތަންތަނުގައި އެންމެން ބައިވެރިކުރުމުގެ ސަގާފަތެއް އާލާކުރެވޭނީ، ހޭލުންތެރިކަމާއި، އޯގާތެރިކަމުގެ އިތުރުން މާނަހުރި އަމަލީ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
”ތުއްތުއިރު ދެވޭ އެހީތެރިކަމާއި، އެންމެން ބައިވެރިކުރާ ތައުލީމީ ނިޒާމާއި، މުޖުތަމައުގެ ބަލައިގަތުމުގެ އިތުރުން، ހުނަރުތަކާއި ދިރިއުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ހަމައެކަނި އޯޓިޒަމް ހުންނަ ފަރާތްތަކަށް ލިބޭ ކުރިއެރުމެއް ނޫން. އެއީ މުޅި ގައުމުގެ އިޖުތިމާއީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމެއް،“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވެސް ވަނީ ސުކޫލުތަކުގައި އެންމެން ބައިވެރިކުރާ ތައުލީމީ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި، މަސައްކަތުގެ ތަމްރީނުތައް ފުޅާކުރުމުގެ އިތުރުން އޯޓިޒަމް ހުންނަ ފަރާތްތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސްގެ ބަޔާން ނިންމަވާލެއްވީ، ކޮންމެ މީހަކީވެސް އިހުތިރާމާއި، މަގުސަދެއް އޮވެގެން، މުޖުތަމައުގެ ބައެއްގެ ގޮތުގައި އިހުސާސްކުރެވޭ ފަދަ ދިރިއުޅުމެއް އުޅެވޭނެ މީހަކަށް ހެދުމަށްޓަކައި، އިންސާނީ ކަރާމާތާއި، ބަލައިގަތުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގައި ސާބިތުކަމާއެކު ދެމިތިބުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލައްވަމުންނެވެ.

