ވޯޓު ދިނުމުގެ ގާނޫނީ ހައްގު ހެޔޮ ގޮތުގައި ބޭނުންކޮށް، ވޯޓު ދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށަހަޅާ ރިޝްވަތުގައި ނުހިފައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އެ ހައްގުގެ ބޭނުން ހިފުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފި އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތައް އެ ކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މީގެ އިތުރުން މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ ކަންކަމާއި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ކޮމިޝަނުން އިތުރަށް ބުނި ގޮތުގައި، އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކަށް ވާތީ، އެ މައްސަލަތައް ތަހުގީގުކުރުމުގައި ކޮމިޝަނުން ތަބާވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށެވެ.

މިއީ އިންތިހާބުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށް އޭސީސީން ވަނީ ފާހަގަކުރައްވާފައެވެ.

އިންތިހާބުގެ ނަޒާހާތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ މުހިއްމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އޭސީސީން ވަނީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް މީހަކަށް ރިޝްވަތު ހުށަނޭޅުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި ހުރިހާ ރައްޔިތުން ވެސް ވޯޓުލުމުގެ ހައްގު ތެދުވެރިކަމާ އެކު ބޭނުންކޮށް، ގައުމީ ޒިންމާ އަދާކުރުމަށް އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ އެދިފައެވެ.