ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން (އީސީ) މައުލޫމާތު ދޭ ގޮތުގައި، މިއަދު ކުރިއަށްދާ މި ތިން އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މިއަދު ވޯޓުލާންދާ ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޫކުރާނެ ކަމަށާއި، މި ކަރުދާސްކޮޅުތައް ވައްޓާލަން ޖެހޭނީ ތިން ކުލައެއްގެ ލޭބަލް ޖަހާފައިވާ ތަފާތު ތިން ފޮށްޓަކަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެގޮތުން ވޯޓު ކަރުދާސްތައް ފޮށިތަކަށް އެޅުމުގައި ސަމާލުވާންޖެހޭ ކަންކަން އީސީން ވަނީ ހާމަކޮށްފައެވެ.

ފެންނަ ނުފެންނަ ވޯޓުގެ ކަރުދާސް ވައްޓާލަން ޖެހެނީ ހުދުކުލައިގެ ލޭބަލް ޖަހާފައިވާ ފޮށްޓަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ކަރުދާސް ނޫކުލައިގެ ލޭބަލް ޖަހާފައިވާ ފޮށްޓަށް ހާއްސަކޮށްފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކަރުދާސް ވައްޓާލަން ޖެހެނީ ފެހިކުލައިގެ ލޭބަލް ޖަހާފައިވާ ފޮށްޓަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ވޯޓުލާންދާ މީހަކު ވަކި އިންތިހާބެއްގައި ބައިވެރިވާން ބޭނުންނުވާ ނަމަ، އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާން ކުރަންޖެހޭނެ ކަމަށެވެ.

މިގޮތަށް ހަމަޖެއްސީ ވޯޓުލުމުގެ މަރުޙަލާގައި ފަހުން ދިމާވެދާނެ މައްސަލައަކުން ސަލާމަތްވުމަށާއި، ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,876 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150,370 ފިރިހެނުންނާއި 144,506 އަންހެނުންނެވެ.

މިއަދުގެ މި ވޯޓަކީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑު ބަދަލެއް އަތުވެދާނެ ނިންމުމަކަށް ވާތީ، ގިނަ ބަޔަކު މިކަމަށް އިންތިޒާރު ކުރަމުންދެއެވެ.